ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށްފައިވާ ދެ މައްސަލައަކާ ގުޅިގެން މިއަދު ވަޒީފާ އިން ވަކިކުރީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި އަބްދުالله ވަހީދާއި މަހްމޫދު ރިޔާޒު ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.
އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވީ ’ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް’ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެ މަނިކުފާނަށް ދެއްވާފައިވާ ލަފައަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.
ވަކިކުރި ދެ ބޭފުޅުންގެ ތެރެއިން ރިޔާޒު, ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 24 ޖޫން 2020ގައެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގަ އެވެ. އޭނާ މިއަދު މަގާމުން ވަކިކުރެއްވި އިރު, ކަސްޓަމްސްގައި ހިދުމަތް ކުރައްވާތާ 32 އަހަރު ވެދާނެ އެވެ.
ވަހީދު, ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުގައި 26 ޑިސެމްބަރު 2023ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވަހީދުވެސް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ. އޭނާ މަގާމުން ވަކިކުރެއްވި އިރު, ކަސްޓަމްސްގައި ހިދުމަތް ކުރައްވާތާ 33 އަހަރު ވެދާނެ އެވެ.
ރިޔާޒު އާއި ވަހީދު މަގާމުން ވަކިކުރެއްވުމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައި މި ވަގުތު ހުންނަވާނީ އިބްރާހިމް މަފާޒު އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މި ސަރުކާރުގައި މާޗު 2024ގައެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް