ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)، އޭނާގެ ބައްޕަ އިބްރާހިމް އަލިފުޅާ ދެކޮޅަށް ބޯޓެއްގެ މައްސަލައިގައި ކުރި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ކައިޒީންއާ ދެކޮޅަށް ކުރި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.
ކައިޒީންގެ ބައްޕައާ ދެކޮޅަށް އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ”މިހިރީ 5“ ބޯޓު ގަތުމަށް ބައްޕައާ 3،600،000 ރުފިޔާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ބޯޓު ގަތުމަށްފަހު ބޯޓުގެ ރަޖިސްޓްރީ އޭނާގެ ބައްޕަގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށާއި ރަޖިސްޓްރީ ބަދަލުކޮށްފައިވަނީ އޭނާގެ ރުހުން ނެތި ކަމަށް ކައިޒީން މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކޮށްދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށްދިނުމަށް ކައިޒީން ވަނީ އެދިފައެވެ.
އޭނާގެ ބައިވެރިވުން ހިމެނޭގޮތަށް މެނުވީ ބޯޓުގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ހިބައިން ނުވަތަ ވަސިއްޔަތުން އަދި އެނޫންވެސް ގޮތަކުން ބޯޓުގެ މުއާމަލާތެއް ކޮށްފައިވާ ނަމަ، އެފަދަ މުއާމަލާތެއް ތަންފީޒު ނުކުރުމަށްވެސް ކައިޒީން ވަނީ އެދިފައެވެ.
އެ މައްސަލައިގައި އޭނާގެ ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށްބުނެ، ކައިޒީން އެދުނީ ބައްޕަގެ ގައިރު ހާޒިރުގައި އެ މައްސަލަ ނިންމުމަށެވެ. ނަމަވެސް އެފަހަރު ސިވިލް ކޯޓުން ނިންމީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ކައިޒީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު އެ ކޯޓުން ނިންމީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށް، ގައިރު ހާޒިރުގައި ހުކުމްކުރަން ކައިޒީން ހުށަހެޅި ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް މައްސަލަ ތަހުވީލުކުރިއެވެ.
ދެވަނަ ފަހަރު އެ މައްސަލަ ބެލުމަށްފަހު، ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށްބުނެ ސިވިލް ކޯޓުން ހުކުމް ކުރީ އެ ބޯޓަކީ ކައިޒީން ފައިސާ ދީގެން ގަނެފައިވާ ބޯޓެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށެވެ.
ސިވިލްކޯޓުގެ އެ ނިންމުން ކައިޒީންގެ ފަރާތުން ހަިއކޯޓުގައި އިސްތިއުނާފްކުރުމުން އެ މައްސަލައިގައި ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ކައިޒީންގެ ބައްޕަގެ ފަރާތުން ދައުވާގެ ދިފާއު ލަހުން ހުށަހެޅި ނަމަވެސް އެ ދައުވާއަކީ ޝަރީއަތްކޮށްގެން ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ދައުވާގެ ދިފާއުއާއެކު އެ މައްސަލަ ކުރިއަށްގެންދަން ހައިކޯޓުން ވަނީ ސިވިލް ކޯޓަށް އަމުރުކޮށްފައެވެ.
ހަމައެކަނި އިޖުރާއީ ނުކުތާތަކެއްގެ ތެރޭގައި މައްސަލަ ތާށިވެ ދަށު ކޯޓާއި ހައި ކޯޓާ ދެމެދު ދައުރުވަމުންދާ މައްސަލައެއްގެ މައުޟޫއު ފުރަތަމަ ފަހަރަށް ހައިކޯޓުން ބެލުމަކީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.




ގުޅުންހުރި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަލީތަކުރުފާނު ހޯދަނީ
ވަގަށް މާކެޓަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް
ހިޔާ ފުލެޓް ލިބުމުން އަތުލި ސިފްކޯ ފުލެޓް އަލުން ދިނުމަށް ހުކުމްކޮށްފި