ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ފްލެޓް/ އެޕާޓްމަންޓް ލިބި، ނަމަވެސް އެތަނަށް ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭ ފަގީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ނިންމައިފި އެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން މިއަދު ބުނީ، އެ ހައުސް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތަކަށް ފްލެޓްތަކަށް ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާ ކުރުމަށްފަހު ފަގީރުންނާއި މިސްކީނުންގެ ތެރެއިން 14 މީހަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ. އެގޮތުން ޖުމުލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ، އެ ފައިސާ ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާއަށް ކަމަށެވެ އަދި އެއަށް ފަހު، އެ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ ފަގީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމަކީ އެ ހައުސްގެ ވަރަށް މުހިއްމު މަގުސަދެއް ކަމަށެވެ. އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ”ޒަކާތު ބެނެފެޝިއަރީ ކާޑެއް“ ތައާރުފު ކުރުމަށް ޒަކާތު ހައުސް އިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
މި ކާޑު ތައާރަފު ކުރުމުން ސިއްހީ ހިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ހަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޒަކާތު ހައުސިން އިން ބުންޏެވެ.




ގުޅުންހުރި
އެއްބަސްވުމާ ހިލާފަށް ކުއްޔަށް ދީފައިވޭތޯ ބަލަން ފްލެޓްތައް ބަލައި ފާސްކުރަން ފަށަނީ
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ޒަކާތު ހައުސްގެ ފުރަތަމަ އަހަރު ތާރީހީ ގިނަ ކާމިޔާބީތަކެއް ހާސިލުވެއްޖެ: ޝަހީމް
ޒަކާތާ ގުޅޭ މޯބައިލް އެޕްލިކޭޝަންއެއް ތައްޔަރު ކުރާނެ ފަރާތެއް ހޯދަނީ
ރޯދައިގެ ފުރަތަމަ 20: ޒަކާތަށް 7.6 މިލިއަން ރުފިޔާ، މިދިޔަ އަހަރަށްވުރެ
މުދަލު ޒަކާތުގެ ނިޞާބު 8،000 ރުފިޔާއަށް ދަށްކޮށްފި