ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ބައްސާމްގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާގައި މިއަދު ހުކުމް ކުރީ މަނީ ލޯންޑަރިންގެ ބައިގައެވެ. އޭގެ ކުރިން ވަނީ ހިޔާނާތުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
ބައްސާމްގެ މައްޗަށް މިއަދު އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއެކު، 10،000 ޑޮލަރަށްވާ ފައިސާ ކަމަށްވާ 154،200 ރުފިޔާގެ ޖޫރިމަނާއެކެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ގައި ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި ”sales of dollar“ ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، އެ ފައިސާ އޭނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ ފީފާއިން އެފްއޭއެމަށް ދިން ފައިސާއަކީ އެފްއޭއެމްގެ ކަންކަމަށް ހަރަދުކުރަން ދިން ފައިސާކަން ހެކިތަކުން އެނގޭ ކަމަށާއި ނަމަވެސް އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެގެން ފައިސާއާ ބެހޭ ކަންކަމުގައި ގޮތް ނިންމާފައިވަނީ ބައްސާމް ކަމަށެވެ. އެގޮތުން އޭނާގެ އަމިއްލަ ކަންކަމަށް ފައިސާ ބޭނުންކުރިކަން ހެކިތަކުން އެނގޭ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ބައްސާމްގެ ވަކީލު ވިދާޅުވެފައިވަނީ އެއީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށާއި އެ އަދަދަކީ ބައްސާމަށް އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ ތެރެއިން ކުޑަ މިންވަރެއް ކަމަށެވެ. އަދި އެ ފައިސާ ނަގަން ލިޔުންތައް ތައްޔާރުކުރީ ބައްސާމްކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.




ގުޅުންހުރި
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
މާރާމާރީ ހިންގި ފުލުސް މީހާ ބުނީ ނުނިދާ ހުރުމުން ހުރީ ހަމައިގައި
އިމިގްރޭޝަންގެ ވީޑިއޯ ފުޓޭޖު ހަވާލުކުރަން އެންގީ ޒިންމާ އަދާކުރަން: އިހުސާން
ފީފާގެ ހުއްދައާ ނުލައި މައްސަލަ ބަލާ ކަމަށްބުނެ ބައްސާމް ހައިކޯޓަށް
ފެނަކައިން ކެމެރާ ހަރުކުރުމުގައި ކޮރަޕްޝަން ހިންގި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
ނަޝީދު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މީހާ ދިހަ އަހަރަށް ޖަލަށް