ރިވެތި އަހުލާގުގެ ވެރިޔަކަށް ވުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް އަންގަވާފައިވާ ކަމަށާއި އެއީ ގިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް“ މި މައުޞޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތު ކަމަށާއި މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މައްޗަށް ކަމަށެވެ.
އަދި ބައެއް މީހުން އިސްލާމްދީނަކީ އެއްވެސް ރަހުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައާއި އެ ދީނަށް ތަބައާވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއް ނެތް ހަރުކަށި ބައެއްގެ ގޮތުގައި ދެކުނަސް ހަގީގަތުގައި އިސްލާމްދީނަކީ ރަހުމަތުގެ ދީން ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ, ރިވެތި އަހުލާގުގެ ވެރިޔަކަށް ވުމުން ގިޔާމަތްދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނޭ ކަމަށް ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމްދީނަކީ ލޯތްބާއި ހަމްދަރުދީއާއި އޯގާވެރިކަމާއި އަޅައިލުމާއި ހެޔޮފޯރުވުމުގެ ދީން ކަމަށާއި މުޖުތަމައުގެ ހުރިހާ އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް, ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, އިސްލާމްދީނުގެ ނަބިއްޔާއަކީ ރަހުމަތުގެ ނަބިއްޔާ ކަމަށާއި އެކަލޭގެފާނަކީ އާލަމްތަކަށް ރަހުމަތެއްކަމުގައި ފޮނުއްވެވި ރަސޫލާ ކަމަށް މާތްالله ވަހީކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އިސްލާމް ދީނަކީ ކުފުރުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް މީސްތަކުން ނެރުއްވި ދީން ކަމަށް ހުތުބާގައި ބުންޏެވެ.
ރިވެތި އަހުލާގަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވައިފައި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ހަމަކަށަވަރުން މުއުމިނު އަޅާ އޭނާގެ ރިވެތި އަހުލާގުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރުންމަތީ ގާއިމުވެ ހުންނަ މީހާގެ ދަރަޖައަށް ވާސިލުވާނޭކަން ކަށަވަރެވެ“
އިސްލާމްދީނަކީ ފަރުދުންނާއި މުޖުތަމައުތަކުގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްކުރާ ދީންކަން ފާހަގަކޮށް ހުތުބާގައި ބުނީ, މުއުމިނުންގެ މެދުގައި އޮންނަ މި ގުޅުމަށް ކީރިތި ރަސޫލާ ބާރުއަޅުއްވައިފައިވަނީ އެއީ މުސްލިމު ޖަމާއަތަށް ބާރާއި ވަރުގަދަކަން ލިއްބައިދޭ ކަމަކަށްވާތީ ކަމަށެވެ.




ގުޅުންހުރި
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!