ކިތަންމެ ވަރަކަށް ރާއްޖޭގައި އެއާޕޯޓުތައް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެކަމުގެ ޕްލޭނަކާއި ފައިސާ ހޯދާނެ ގޮތެއް އޮންނަންވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި ރޭ ބޭއްވި ”ހޯރަފުށީ ދުވަސް“ ޖަލްސާގައި އިބޫ ވިދާޅުވީ މި ސަރުކާރުން މި ފެންނަނީ ވައުދުތައް މައްޗަށް ވައުދުވަމުންދާ ތަން ކަމަށާއި މިހާތަނަށް އައި އިރުގައި ގާތްގަނޑަކަށް 15 ވަރަކަށް އެއާޕޯޓު އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
”އެއާޕޯޓު އަޅަންވީ، އެކަމަކު ޕްލޭނެއް އޮންނަންވާނެ. ފައިސާ ހޯދަންވާނެ. ހަމައެކަނި ވެލާ ވައުދަކުން އެކަމެއް ނުވާނެ. 15 ވަރަކަށް އެއާޕޯޓު އަޅަން ހިއްކަންޖެހޭ ބިން، މަދުވެގެން 300 ހެކްޓަރެއްހާ ބިން އެބަ ހިއްކަންޖެހޭ. މިއިން އެއާޕޯޓެއް އަޅަން މަދުވެގެން 12 މިލިއަން، 15 މިލިއަން ޑޮލަރު ހަރަދުވާނެ، ކޮބައިތޯ ފައިސާ،“ އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ފައިސާ ނެތި ކިތަންމެ ވައުދެއް ވިޔަސް، އަދި އެކަން ކުރާނެ މީހުން ނެތިއްޔާ އެކަމެއް ކުރިއަށްނުގެންދެވޭނެ ކަމަށާއި ބޭރު ބަޔަކަށް އެކަން ކުރަން ހަވާލުކޮށްފިއްޔާ، އަނެއްކާވެސް ލިބޭ ޑޮލަރުކޮޅު ދާނީ ބޭރަށް ކަމަށެވެ.
”މިއަދުވެސް އެ މަސައްކަތް ހަވާލުކޮށްގެން މިއުޅެނީ ސަރުކާރުގެ ކުންފުންޏަކާ، އެމްއޭސީއެލްއާ. މިއީ ދުވަހަކުވެސް ބިން ހިއްކި ބައެއް ނޫން، އެއާޕޯޓު އެޅި ބައެއް ނޫން. އެހެންނަމަވެސް އެމްއޭސީއެލްއާ ހަވާލުކޮށްގެން މިކަން ކުރަން ނިންމާ އިރުގައި، ރައްޔިތުންނަށް ސާފުކޮށް އެބަ އެނގެންޖެހޭ މިކަން ކުރަން އެ އުޅޭ ގޮތެއް. އަދި އެމްއޭސީއެލުން ލޯނު ނަގައިގެން މަސައްކަތްކުރިޔަސް، ސަރުކާރުން އަނބުރާ އެ ދައްކަންޖެހޭނެ. އެހެންވީމާ އެ ދައްކަން ނިންމާފައި އޮތް ގޮތެއް ހާމަކޮށްދޭން އެބަޖެހޭ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
އިބޫ އިތުރަށް ވިދާޅުވީ އެމްބިއުލާންސްތަކެއް ގަންނަން އެމްޕީއެލްއާ ވެސް ހަވާލުކޮށްފައިވާ ކަމަށާއި އެކަން ވެސް ހަވާލުކޮށްފައިވަނީ ފަހުން ފައިސާ ދައްކާގޮތަށް ކަމަށެވެ. މިހާރު މިއުޅެނީ ކިރިޔާވެސް ރަނގަޅަށް ހިނގަހިނގާ ހުރި ހުރިހާ ކުންފުންޏެއް ހަލާކުކޮށްލަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


 
					

ގުޅުންހުރި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
ސްލްކޯއިން ތުލުސްދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހުކޮށްފި
ކ. އަތޮޅާއި ޅ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި
މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ޒިޔާރަތް ކުރެއްވުމަކީ މުރާލިކަމުގެ ނަމޫނާއެއް:
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް: ރައީސް