ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސައިފޮދަކަށް ގެދޮރުވެރިޔާ ފުލެޓަކަށް ޒިޔާރާތްކުރައްވައިފިއެވެ.
ރައީސް އިބޫގެ ސަރުކާރުގައި ތަރައްގީކުރަން ފެށި ގެދޮރުވެރިޔާ ފުލެޓުތަކުގެ ތެރެއިން ފެނާއި ކަރަންޓުގެ ހިދުމަތް ފުރިހަމަކޮށްފައިވާ ބައެއް ފުލެޓުތަކުގައި ވަނީ މިހާރު މީހުން ދިރިއުޅެން ފަށައިފައެވެ.
އޭގެ ތެރެއިން އާއިލާއަކުން ދައުވަތު އެރުވުމުން އިބޫ ވަނީ އިއްޔެ އެ އާއިލާ ދިރިއުޅެމުންދިޔަ ފުލެޓަށް ސައިފޮދަކަށް ޒިޔާރާތްކުރައްވައިފައެވެ. އެ ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަޔަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އިބޫގެ އެ ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ފުލެޓު ބައްލަވައިލައްވައި، އެތަނުގައި ދިރިއުޅެން ފެށި އެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރި 4000 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ޔުނިޓުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް އަދި ފުރިހަމަކޮށްފައެއް ނުވެއެވެ. އެ ހިދުމަތް ފުރިހަމަވެފައި ނުވާ ޓަވަރުތަކުގައި ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
އެފްޑީސީން ދަނީ ފުލެޓުތައް ލިބޭ ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. އެ ކުންފުނިން ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ސެކިއުރިޓީ ޑިޕޮސިޓް ދައްކައި ނިންމުމުންނެވެ. ތަޅުދަނޑި ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސްވަންދެން ފުލެޓުތަކަށް ކުލި ދައްކަން ނުޖެހުނު ނަމަވެސް، ފުލެޓުގެ މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.
ގެދޮރުވެރިޔާ ފުލެޓުތަކުގެ ތެރެއިން ދެ ކޮޓަރީގެ ފުލެޓުތަކަށް މެއިންޓެނަންސް ފީ އާއެކު މަހަކު 8،000 ރުފިޔާ ދައްކަން ޖެހެއެވެ. އެ ފުލެޓުތަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 15،000 ރުފިޔާއެވެ.
ތިން ކޮޓަރީގެ ފުލެޓުތަކަށް މެއިންޓެނަންސް ފީ އާއެކު މަހަކު 11،500 ރުފިޔާ ދައްކަން ޖެހެއެވެ. އެ ފުލެޓުތަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިޔާއެވެ.




ގުޅުންހުރި
އިބޫ، ރައީސް މުއިއްޒަށް: ކިތަންމެ ވަރަކަށް އެއާޕޯޓުތައް ހަދާނެ ކަމަށް ވިދާޅުވިޔަސް،
އެމްޑީޕީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި، ދައުވާކޮށްގެން ފަހަތައް ނުޖެއްސޭނެ: ސޯލިހު
ބަދަލުދިން މައްސަަލައިގައި އިބޫ އަދި ފައްޔާޒަށް ދައުވާކޮށްދޭން ފޮނުވުމަށް ކޮމިޓީން ފާސްކޮށްފި
ކުރިއަށް އޮތީ ނާމާން ބިރުވެރި ދުވަސްތަކެއް، ފިޔަވަޅުއަޅަންޖެހޭ: އިބޫ