ނޮވެމްބަރ 4, 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް 

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ.

އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ އިއްޔެ 15:44 ހާއިރެވެ. އެ ކޮޅުވެއްޓިން ދަތުރުކުރި 14 މީހުންގެ ތެރެއިން ހަތަރު ދިވެއްސަކާއި ދެ ބިދޭސީއަކަށް އަނިޔާވި އިރު، އޭގެ ތެރެއިން ބިދޭސީއަކާއި ދިވެއްސަކު ވަނީ މަރުވެފައެވެ.

އެ ހާދިސާގައި އިއްޔެ މަރުވީ ބަންގުލަދޭޝްގެ މަސޫދު ހޮސެއިން (32އ) އާއި ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) އެވެ. އެ ދެ މީހުންނަކީ ވެސް އެމްޕީއެލްގައި ލޭބަރާގެ މަގާމުގައި މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.

އެމްޕީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު އެތެރޭގެ ތަހުގީގު ފަށާފައިވާ ކަމަށާއި ތަހުގީގުން އެނގޭ މައުލޫމާތަށް ރިޔާއަތްކޮށް، އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށެވެ.