ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފުވައްމުލަކާއި އައްޑޫ ސިޓީ ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ހަމަޖެހިފައިވެއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ، ހުޅުދޫ އަދި މީދުއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



