ނޮވެމްބަރ 5, 2025

ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ 

އައްޑޫ ސިޓީ ހިތަދޫގެ ފުލެޓަކުން ކުއްޖަކު ވެއްޓި، ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހިތަދޫގެ 14 ވަނަ ފުލެޓުގެ ދެވަނަ ފަންގިފިލާއިން 15 އަހަރުގެ ކުއްޖަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓެއް ރޭ 12:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ދާދި ފަހުން މާލެ ސަރަހައްދުގައި އިމާރާތްތަކުން މަތިން ވެއްޓިގެން ދެ މީހަކު ވަނީ މަރުވެފައެވެ. އެގޮތުން ހިޔާ ޓަވަރަކުން ވެއްޓިގެން ދިވެހި ފިރިހެނަކު މަރުވެފައިވާ އިރު، މާފަންނު ގެއެއްގެ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިން ވެއްޓި އިއްޔެ ވަނީ ބިދޭސީއަކު މަރުވެފައެވެ.