އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، އެ ދެ ރަށުގައި ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް، ދެ ރަށުގެ ރައްޔިތުންގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.
”އަޅުގަނޑު ގަބޫލުކުރަނީ މިއީ އެތައް، އެތައް ތަރައްގީގެ މަސައްކަތްތަކެއް މި ދެ ރަށުގައި ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ނިންމުމެކޭ ރައްޔިތުން ނިންމަވާފައި ތިއޮތީ. އެކަމުގައި ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން ވަރަށް އިސްކަމެއްދީގެން ކޮށްދޭނަން،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީގައި ވެސް އޮންނަ ހަމައަކީ ނިކަމެތިކުރެވިފައި ފަރާތްތަކާއި ބާކީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަމެއް ދިނުން ކަމަށާއި އެއީ ތަފާތުކުރުން ނޫން ކަމަށެވެ.
”ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބާރުގަދަ ފަރާތްތަކުން، އަޑުގަދަ ފަރާތްތަކުން ހުރިހާ ބާރަކާއި ހުރިހާ މޮޅަކާ ހޯދައިގެން ތިބޭ ތިބުމުގެ ތެރެއިން ނިކަމެތިވެގެންދާ، މާޖިނަލައިޒްވެގެންދާ ފަރާތްތައް ދަނީ މާޖިނަލައިޒްވަމުން،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބާރުގަދަ ފަރާތްތަކާ ހަމައަށް ގެންނަ ކަމަށްވަންޏާ، އިސްކަމެއް ދޭންޖެހޭނެ ކަމަށާއި ހަމަހަމަ ކުރެވޭނެ ގޮތަކީ އެއީ ކަމަށެވެ.
މިދިޔަ މަހު ނެގި އާންމު ވޯޓުގައި އައްޑޫ ހުޅުދޫ އާއި މީދޫ ރައްޔިތުން ވަނީ، އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ދެ ކައުންސިލެއް ހަދަން ނިންމައިފައެވެ.




ގުޅުންހުރި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ