އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް ފެށުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބުރިޖަކީވެސް ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، މިހާރު އެވަނީ އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާ ހަވާލުކުރެވިފައި ކަމަށެވެ.
ރައީސް ވަނީ، އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ހަ މަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މައުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށަހަޅަން ހަވާލުކުރެވިފައިވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް އެފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނި ކަމަށާއި އެ ކުންފުންޏާ ހަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރާ އިރު، ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމަށެވެ.
މިދިޔަ މަހު އެ މަސައްކަތް ފަށާފައިވާ އިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާ ހިސާބަށްދާ އިރު، ސަރުކާރަށް މި ލިޔުންތައް ހުށަހަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިހުތިޔާރުކޮށް އެގްރީމަންޓް ހަދައި، އަންނަ އަހަރުގެ ތެރޭގައި އެ ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒު ކަމަށް ރައީސް ވިދާޅުވިއެވެ.




ގުޅުންހުރި
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި