ނޮވެމްބަރ 5, 2025

15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު އިސްލާހުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ޝަރުތުގެ ގޮތުގައި ގާނޫނުގައި މިހާރު އޮންނަނީ ކޮލަޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ 20 އަހަރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އެ މުއްދަތު ވަނީ 15 އަހަރަށް ކުޑަކޮށްފައެވެ.

ބިލުގައިވާގޮތުން، ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭ އިރު، އެ ކޮލެޖެއްގައި ފުރިހަމަވާންޖެހޭ އިތުރު ހަތް ޝަރުތެއް ފުރިހަމަވާންޖެހެއެވެ.

އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައެއްގެ މަދުވެގެން ތިން ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ނުވަތަ ބޭރު ޕްރޮގްރާމްތައް ހިންގަމުން ގެންދިއުމާއި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުން ގެންދިއުމާއި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއް ނުވަތަ ރޭންކިންއެއްގައި ބައިވެރިވެ ރޭޓް ކުރެވި ނުވަތަ ރޭންކު ކުރެވިފައިވާ ކޮލެޖަކަށްވުމާއި، ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށްވުމެވެ.

އޭގެ އިތުރުން އެކަޑަމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑަމިކް މުވައްޒަފުންގެ މަދުވެގެން ދިހަ ޕަސެންޓު މަވައްޒަފުންނަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުމާއި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައި ހުރުން ހިމެނެއެވެ.