ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ވަނީ، ފުވައްމުލަކާއި އައްޑޫގެ ސިޓީ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
އެ ދަތުރުފުޅުގައި ފުވައްމުލަކުގައި ވަނީ، ތައުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ދަތުރުފަތުރު ފަދަ ތަފާތު ދާއިރާތަކުން ހިންގާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވައިފައެވެ.
އަދި އައްޑޫގައި ވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި، ތައުލީމާއި، ސިއްހަތާއި، އުމްރާނީ ތަރައްގީ، ދީނީ ވަހުދަތު، އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުން ހިންގުމަށް ނިންމާފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އެކި މަރުހަލާތައް ފައްޓަވައިފައެވެ. އޭގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް ވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ހުޅުއްވައިދެއްވައިފައެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެން، މަޝްރޫއުތަކާ ގުޅުންހުރި އަދާހަމަ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.



