ގިނަ ރަށްތަކެއްގެ ތަރައްގީގެ 206 މަޝްރޫއެއްގެ ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބާސެލޯ ނަސަންދުރައިގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޖުމުލަ 53 އަމިއްލަ ކުންފުންޏަކުން ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހިންގުމަށެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނައީ ކުޅިވަރާ ގުޅުންހުރި މަޝްރޫއުތަކެވެ. އެ ދާއިރާގެ 52 މަޝްރޫއެއް ހަވާލުކުރިއެވެ.
ދެން ހިމެނެނީ ހޯމްލޭންޑް ސެކިއުރިޓީގެ ދާއިރާގެ 39 މަޝްރޫއަކާއި ތައުލީމީ ދާއިރާގެ 31 މަޝްރޫއަކާއި ސިއްހީ ދާއިރާގެ 30 މަޝްރޫއަކާއި ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއަކާއި ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗާގެ 13 މަޝްރޫއަކާއި ދީނީ ކަންކަމާ ގުޅުންހުރި 14 މަޝްރޫއަކާއި މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫއެއް އަދި ޒުވާނުންނާ ގުޅޭ އެއް މަޝްރޫއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި އެއްފަހަރާ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ހަވާލުކުރެވުނު ދުވަސް ކަމަށާއި 100 އަށްވުރެ ގިނަ ކުންފުންޏަކާ 206 މަޝްރޫއެއް މިއަދު ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްވެސް ލަސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި ވެސް އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރެވޭނެ ކަމަށާއި މިއަދު ހަވާލުކުރެވުނު މަސައްކަތްތައް ދާދި އަވަހަށް ފަށައި، މަސައްކަތްތައް އަވަހަށް ނިންމާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެ މަސައްކަތްތައް މިއަދު ހަވާލުކުރީ ކުރިއަށްއޮތް 21 ދުވަސްތެރޭ ފަށަން ޖެހޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ