ނޮވެމްބަރ 8, 2025

ތެޔޮ ވިއްކި ބިދޭސީންގެ އަތުގައި ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ މީހާ!

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގާފައިވާ ގޮތާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ތެޔޮ ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ސައްހައެއް ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދިޔަ ބައެއް ކަމަށް ކޯޓު އަމުރުގައި ބުނެފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ބަންގުލަދޭޝްއަށް ނިސްބަތްވާ ހަތަރު މީހުން ކަމަށްވާ އަލް އަމީން ބޮޔަޓި (37އ)، ދުލާލް މިއާހް (32އ)، މޮހަންމަދު ރަސެލް މިއާހް (34އޫ) އަދި މަންވަރު ހޮސައިން (45އ) އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ކޮންޓެއިނާ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް މައުލޫމާތު ލިބުމާއެކު މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހައްޔަރުކުރި އެކަކު ޝަރުތުކުރުމަށްފަހު ދޫކޮށްލައި، ދެން ތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އަމުރުތަކުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުން ރާއްޖޭގައި ދިރިއުޅެމުންދަނީ ސައްހަ ވިސާއެއް ނެތި، އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށެވެ.

ބަންދު ނުކޮށް، ޝަރުތުކޮށްފައި ދޫކޮށްލީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހަންމަދު ހާރޫން (43އ) އެވެ. އޭނާ ބަންދު ނުކޮށް ދޫކޮށްލީ ދިވެއްސަކާ ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހަކަށްވާތީ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އަމުރުގައިވާ ގޮތުން މޮހަންމަދު ހާރޫނަކީ ޕިކަޕް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. ހާރޫންގެ ފަރާތުން އެކަމަށް ބާރުދޭ ވާހަކަތަކެއް ބަންދު މަޖިލީހުގައި ދައްކާފައިވާ ކަމަށާއި ދެން އެ މައްސަލައިގައި ހައްޔަރުކުރި މީހުންވެސް ހާރޫނަކީ ޕިކަޕް ޑްރައިވަރެއް ކަމަށް ބުނެފައިވާ ކަމަށެވެ.