އަމިއްލަ ކުންފުނިތަކާ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް ކަމަށާއި އޭގެ ތެރެއިން 997 މިލިއަން ރުފިޔާ ހަރަދުވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ބާސެލޯ ނަސަންދުރާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ތަރައްގީގެ 206 މަޝްރޫއެއް ހަވާލުކޮށްފައެވެ. އެ މަޝްރޫއުތައް ހަވާލުކުރީ އަމިއްލަ 53 ކުންފުންޏަކާއެވެ.
ޖުމްލަ 2.71 ބިލިއަން ރުފިޔާގެ އެ ޕޯޓްފޯލިއޯގައި ހިމެނެނީ ރާއްޖޭގެ އަތޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަން، ތައުލީމު، ސިއްހަތު، ކުނި މެނޭޖްކުރުން، ކުޅިވަރު ވަސީލަތްތައް، ފުލުހުންގެ އިންފްރާސްޓްރަކްޗާ، މިސްކިތްތައް އަދި އެހެނިހެން މުޖުތަމައުގެ ވަސީލަތްތަކެވެ. އެ މަޝްރޫއުތަކަށް ފައިނޭންސިން ފޯރުކޮށްދެވޭނީ އިންވެސްޓާ ފައިނޭންސް މޮޑެލްގެ ދަށުންނެވެ.
ހަވާލުކުރި މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. އޭގެ 13 މަޝްރޫއެއް ހިންގުމަށް ހަވާލުކޮށްފައިވާ އިރު، އެއް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެ މަޝްރޫއުތަކަށް ހަރަދުވެއެވެ. އެންމެ ގިނަ މަޝްރޫއު ހިމެނޭ ކުޅިވަރުގެ ދާއިރާއިން ހަރަދުވަނީ 197.30 މިލިއަން ރުފިޔާއެވެ. އެއީ 52 މަޝްރޫއަށެވެ.
މިނިސްޓްރީން ބުނީ ހުރިހާ މަޝްރޫއުތަކެއްވެސް ތަންފީޒުކުރެވޭނީ ޕީއެސްއައިޕީ މިންގަނޑުތަކުގެ ދަށުން، ޓެކްނިކަލް ސްކޯޕްތަކާއި ނިންމުމުގެ މުއްދަތުތައް ކަނޑައަޅައި، ހަމަޖެހިފައިވާ އިންވެސްޓާ ފައިނޭންސް އެރޭންޖްމަންޓްގެ ދަށުން މަޝްރޫއުތަކުގެ ކުރިއެރުންތަކަށް ބިނާކޮށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކާ އެއްގޮތަށް ފައިދާ ލިބުމާއި ވަގުތަށް ނިންމުން ކަށަވަރުކުރުމަށް ހަރުދަނާ ކުރެވިފައިވާ މޮނިޓަރިން، ރިޕޯޓިން އަދި އޮޑިޓް މެކޭނިޒަމްތައް ގާއިމުކުރެވިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މަޝްރޫއުތަކަށް ހަރަދުވާ ފައިސާގެ އަދަދުތައް:
- ބޯހިޔާވަހިކަމުގެ ދާއިރާ: 997.38 މިލިއަން ރުފިޔާ
- ތައުލީމީ ދާއިރާ: 397.25 މިލިއަން ރުފިޔާ
- ސިއްހީ ދާއިރާ: 312.21 މިލިއަން ރުފިޔާ
- ތިމާވެށީގެ ދާއިރާ: 204.27 މިލިއަން ރުފިޔާ
- ކުޅިވަރު ދާއިރާ: 197.30 މިލިއަން ރުފިޔާ
- އިސްލާމީ ދާއިރާ: 196.43 މިލިއަން ރުފިޔާ
- މަސްވެރިކަމާ ގުޅޭ ދާއިރާ: 131.87 މިލިއަން ރުފިޔާ
- ހޯމްލޭންޑް ސެކިއުރިޓީ: 114.99 މިލިއަން ރުފިޔާ
- މަތީ ތައުލީމުގެ ދާއިރާ: 114.52 މިލިއަން ރުފިޔާ
- ޒުވާނުން ބާރުވެރިކުރުވުން: 40 މިލިއަން ރުފިޔާ




ގުޅުންހުރި
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
ގުރައިދޫގައި އެއާޕޯޓް އަޅަން ހަވާލުކޮށްފި، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު