ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ހަވާލުވި އަމިއްލަ ކުންފުނިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގެ ހުއްދައާ ނުލައި ލޯނު ދޫކުރަމުންދާ ކަމަށްބުނާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި އެހެން ބުނެފައިމިވަނީ، ބީއެމްއެލްގެ ލޯނު ދޫކުރުމުގެ އުސޫލާ ހިލާފަށް ބޯޑުގެ ހުއްދައާ ނުލައި އެ ބޭންކުން ލޯނު ދޫކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނީ އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓް މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސްއާއި މިނިވަންކަމާއެކުގައި ކަމަށާއި އެކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަނަންސާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް އަދި ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގުވާމީ ބޭންކިން ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައް ކަމަށް ބީއެމްއެލުން ބުންޏެވެ.
އެގޮތުން އެ ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައިވަނީ ރާއްޖޭގެ ބޭންކިން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑާޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑާޑްތަކަށް ކަމަށެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ އޮޑިޓް ފާމްތައް ދަނީ ގަވައިދުން ބޭންކު އޮޑިޓްކުރަމުން ކަމަށާއި އަދި މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުން ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށް ބީއެމްއެލުން ބުންޏެވެ.
”ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކް އޮފް މޯލްޑިވްސް އިން މި ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ހިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތައް މި ބޭންކުން ދޮގުކުރަމެވެ..،“ ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެ ބޭންކު ހިނގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓެރެޓެޖީގެ މައްޗަށް އަދި ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް ބޯޑުން ނިންމާ ނިންމުމާއި ދޭ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
”އެގޮތުން ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވާ އެކްސްޕޯޝާ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝާ އަށްވެސް ބަލާނެއެވެ. ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލައެވެ. އަދި ލޯނު ދޭނީ އަންޑާ ރައިޓިން އުސޫލާ އެއްގޮތަށެވެ. މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލެވެ..،“ އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން ބުނީ ސަރުކާރުގެ މަޝްރޫއުތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އެ ފަރާތްތަކަށް ވެސް އޮންނާނެ ކަމަށާއި ވިޔަފާރީގެ އުސޫލުން އެ ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށެވެ.
އޭގެ އިތުރުން އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަޑުތައް ވެސް ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނޭ ކަމަށް ބީއެމްއެލުން ބުންޏެވެ.
”ބޭންކުގެ އުސޫލުތަކާއި ހަމަތައް އެކުލަވާލާފައިވާ ގޮތުން ވަކި މުވައްޒަފަކަށް ލޯނާ ގުޅޭ ނިންމުންތައް ނިންމުމުގެ ބާރެއް ނޯވެއެވެ. އެކަން މިހާރު ހިނގަމުންދަނީވެސް އަދި ކުރިއަށް އޮތްތާނގައި ހިނގަމުންދާނީވެސް ކުރިން ބަޔާންކުރި ފަދައިން ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ ޕޮލިސީތަކާއި ބޭންކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންނެވެ..،“ ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ މިއަހަރުގެ ތިންވަނަ ކުއާޓަރު ނިމުނު އިރު، ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބޭންކުން އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރި ޖުމްލަ އަދަދުތައް ވެސް އެ ބޭންކުން ވަނީ ހިއްސާކޮށްފައެވެ. އެއީ؛
- ޓުއަރިޒަމް – 8.71 ބިލިއަން ރުފިޔާ
- އަމިއްލަ ފަރުދުންނަށް – 5.34 ބިލިއަން ރުފިޔާ
- އިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް – 5.09 ބިލިއަން ރުފިޔާ
- ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް – 2.40 ބިލިއަން ރުފިޔާ
- ވިޔަފާރިތަކަށް – 1.04 ބިލިއަން ރުފިޔާ
- އެހެނިހެން ދާއިރާތައް – 1.11 ބިލިއަން ރުފިޔާ
ބީއެމްއެލުން ބުނީ އެ އަދަދުތަކުން ހާމަވާ ގޮތުގައި ބޭންކުން ދަނީ އެކި ދާއިރާތަކަށް ބޭންކުގެ ރިސްކްތްރެޝްހޯލްޑް މިންގަނޑުގެ ތެރެއިން ލޯނު ދޫކުރަމުން ކަމަށެވެ.
”ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ. އެހެނަސް މި ބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ..،“ ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ބަޔާނުގައި އިތުރަށް ބުނީ އެ ބޭންކާ ގުޅޭގޮތުން އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށާއި ކަމުގެ މައުލޫމާތު ރަނގަޅަށް ނުހޯދައި، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލުކުރުމަށްޓަކައި އެ ބޭންކުގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ.




ގުޅުންހުރި
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
އަންނަ ފެބްރުއަރީން ފެށިގެން ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓް
ރާއްޖެ އިން ބޭރުގައި ޑެބިޓް ކާޑުން ކެނޑޭ އަދަދު 1،000 ޑޮލަރަށް
އޭޓީއެމްތައް ގިނަކުރުމުން ބޭންކަށް ވަންނަ ފައިސާ އިތުރުވެއްޖެ: ޝަރީފް
އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި