ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވި އިރު, ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ނިމިފައި ހުރީ 30 ޕަސެންޓް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރަށް ތަރައްގީގެ އިންގިލާބީ ބަދަލެއް ގެނައުމުގެ ތަސައްވުރާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކުރީ 10 އޮގަސްޓް 2022ގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ވަނަ އަހަރުގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.
މި މަޝްރޫއުގެ ދަށުން އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ވަނީ ހަދައިފަ އެވެ. އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްފަހު ފަސިންޖާ ބޯޑިން ބްރިޖު އަދި ބެގޭޖް ހޭންޑްލިން ސިސްޓަމެއް ގާއިމުކުރި ފުރަތަމަ އެއާޕޯޓެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު, އެއާޕޯޓުގައި ނިމިފައި އޮތީ ގާތްގަނޑަކަށް 30 ޕަސެންޓް ކަމަށެވެ. އެގޮތުން މި ސަރުކާރުން މަސައްކަތާ ހަވާލުވި އިރު ޕަސެންޓާ ޓާމިނަލް, ކާގޯ ޓާމިނަލް އިމާރާތް, ޖެޓީ އާއި ފަޔަރު ސްޓޭޝަން އަދި އިންޖީނުގޭގެ މަސައްކަތްވެސް ނިމިފައި ނެތް ކަމަށް ވިދާޅުވި އެވެ.
”ތަފާތު މީހުން ތަފާތު ގޮތްގޮތަށް ދެކިދާނެ އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު އޭގެ ފެސިލިޓީ ރަން ކުރުމަށް ނުވަތަ ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތަކީ ޕްރޮޖެކްޓްގެ ކަންކަން،“ ޝަރީފް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުވެސް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ.
ދެންމެ އެމްޑީ ފާހަގަކުރެއްވި ފަދައިން ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓް މަސައްކަތް ނިމިފައި އޮތް، މި އެއާޕޯޓު އެތައް މަސައްކަތެއް އަވަސް ކޮށްގެން، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއި ދިވެހި ސަރުކާރާއި ހުރިހާ ފަރާތްތަކާއި އެންމެން ގުޅިގެން ކުރި މަސައްކަތުން 70 ޕަސެންޓް މިހާތަނަށް، މިހާ އަވަހަށް އަވަސްކޮށް، އަޅުގަނޑު ވައުދުވި ގޮތަށް ނިންމި ބޭނުމަކީ މި ދެންނެވި ފަދައިން މި ރަށާއި މި އަތޮޅާއި މި ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އަވަސްމިނެއްގައި އިގުތިސާދީ ފަހި ފުރުސަތުތައް ހޯދައިދިނުން.“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ޑްރަގް ބޯޓުގެ ތަހުގީގަށް ލަންކާގެ ޓީމެއް ރާއްޖޭގައި
ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް، މަތީ ދަރަޖަ
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް ފައިސާދިނުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދަނީ
ފެނުގެ މަތިން ދުއްވާ ”ހައިޑްރޯފޮއިލިން“ ބޯޓުތަކެއް ރާއްޖެ ގެންނަނީ
ސަރުކާރުން ހުއްދަނުދިނުމުން އެމްޑީޕީގެ އެއްވުން ފަސްކޮށްފި