ފުލުހުންގެ ހިދުމަތުގައި ރެކޯޑުކޮށްފައިވާ މައުލޫމާތުތަކެއް ލީކުވުމާ ގުޅިގެން، ފުލުހުންގެ ތެރެއިން ރެކޯޑުތަކަށް ބަދަލު ގެނައިކަމުގެ ތުހުމަތު، ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝިފާން ކުރައްވައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު، އޭސީޕީ ރިޔާޒާ ގުޅޭ މައްސަލަތަކެއް ހިމެނޭ ލިޔުންތަކެއް ފުލުހުންގެ ތެރެއިން ދާދި ފަހުން ވަނީ ލީކުވެފައެވެ. އޭގެ ތެރޭގައި އޭނާ ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ ގިނަ އަމަލުތަކަކާއި އޭނާ ހިންގި ކަމަށް ބުނާ ބަދުއަހުލާގީ އަމަލުތަކެއް ފާހަގަކޮށްފައިވެއެވެ.
ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނަށް ޝިފާން އިއްޔެ ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ ފުލުހުންގެ ޕީއެސްސީ ނިޒާމުގައި ރައްކާ ކުރެވިފައިވާ އޭނާގެ ބައެއް މައުލޫމާތު ރަސްމީ ބައެއް އިދާރާތަކާއި ބައެއް ނޫސްތަކަށް ލީކުކޮށްލުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ އެސިސްޓަންޓު ކޮމިޝަނަރަކު އޭނާގެ މައުލޫމާތުތަކަށް އެކްސެސްވެ، މިދިޔަ މެއި މަހު މައުލޫމާތު ބަދަލު ކުރި ކަމަށް ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓުން އޭނާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ އޭސީޕީގެ ނަމެއް ހާމައެއް ނުކުރައްވައެވެ.
ފުލުހުންގެ ގަވާއިދުތަކާ ހިލާފަށް އޭނާއާ ދެކޮޅަށް ފުލުހުންގެ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެކަން ބަލައިދެއްވުން އެދޭ ކަމަށް ޝިފާން ސިޓީގައި ފާހަގަކުރެއްވިއެވެ.
އޭސީޕީ ޝިފާނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވިސްލްބްލޯވަރުންތަކެއް ވެސް ވަނީ ސިޓީއެއް ފޮނުވައިފައެވެ. އެގޮތުން ފުލުހުންގެ އަންހެން މުވަައްޒަފުންނާއެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާއެކު ގަދަކަމުން ބަދަލުއަހުލާގީ އަމަލުތަކެއް ހިންގުމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ގާނޫނާ ހިލާފަށާއި ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ ގިނަ އަމަލުތަކަކާއި އޭނާ ހިންގި ކަމަށް ބުނާ ބަދުއަހުލާގީ އަމަލުތަކެއް އެމީހުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މާޗު މަސް ތެރޭ ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެެރެ ކުރި މައްސަލައަކާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފައި ވަނިކޮށް، އެކަމާ ގުޅުމެއް ނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރަކު އެ ކުށުގައި ބައިވެރިވި ކަމަށް ދެއްކުމަށް އެ ދެ އޮފިސަރުން ފްރޭމްކުރުމަށް ޝިފާން މަސައްކަތްކަރައްވާފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.




ގުޅުންހުރި
ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ފަރެސްމާތޮޑާ ބޯޓެއް އަޑިއަށް، އެއްވެސް މުދަލެއް ސަލާމަތެއް ނުވި!
ތެޔޮ ވިއްކި ބިދޭސީންގެ އަތުގައި ވިސާއެއް ނެތް، ދޫކޮށްލީ ދިވެއްސަކާ ކައިވެނިކޮށްގެން
ލަންކާއަށް އެތެރެކުރުމަށް މަސްބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖެއަކުން ނޫން: ފުލުހުން
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ