ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީ ލަންކާއަށް ނިސްބަތްވާ ޑްރަގު ބޯޓުން ފެނުނީ ޝައްކުކުރެވޭ 58.6 ކިލޯގެ ހެރޮއިން އާއި 355.9 ކިލޯގެ މެތަމްފެޓަމިން ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު އަތުލައިގަނެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ބޯޓު ފެނުނީ ބޭރުގެ ބޯޓެއް ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ސިފައިންގެ ވައިގެ ހިދުމަތް، އެއާ ކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ ”އަވިޝްކާ ޕުތާ“ ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި އެމްއެންޑީއެފުން އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި ފަސް ފަޅުވެރިން މިދިޔަ އާދީއްތަ ދުވަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯގްރާމްގެ ތަކެތި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 39، 42، 28، 34 އަދި 63 އަހަރުގެ ފަސް ފިރިހެނުން ކަމަށެވެ.
އެ މައްސަލަ ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނާއި ލަންކާ ނޭވީ އަދި ލަންކާ ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް ލަންކާގެ ޓީމެއް މިހާރު ހުރީ ރާއްޖޭގައެވެ.




ގުޅުންހުރި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ފުލުހުން ހުއިފިލަނޑާ ވިއްކަނީ