ނޮވެމްބަރ 12, 2025

އާސަންދަ އާއި އިނާޔަތްތައް މަހުޖަނުންނަށް ދިނުން ހުއްޓާލަންޖެހޭ: ސަލީމް

އާސަންދަ އާއި ދައުލަތުން ދޭ އެނޫން އެހެން އިނާޔަތްތަކަކީ ތަނަވަސް މީހުންނަށް ދޭންޖެހޭ އިނާޔަތްތަކެއް ނޫން ކަމަށް ވިދާޅުވެ، އެފަދަ އިނާޔަތްތައް ދިނުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވީ މިހާރު އާސަންދަ އާއި އެންސްޕާއިން ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް އެހީ ލިބޭ ކަމަށާއި މަހުޖަނުންނަށް 65 އަހަރުވީމާ 5،000 ރުފިޔާ ވެސް ލިބޭ ކަމަށެވެ.

ކިތަންމެ ބޮޑު ވިޔަފާރިވެރިޔަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ ކަމަށާއި އެހެންވީމާ އެ ކަންތައްތައް ބަލައިގެން ހުއްޓުވަން ޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮންނަ އުސޫލަކީ ތަނަވަސް މީހުންގެ އަތުން ޒަކާތް ނެގުމަށްފަހު، ތަނަވަސް މީހުންނަށް އެ އަނބުރާ ލިބޭގޮތަށް އޮންނަ އުސޫލެއް ކަމަށާއި އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މުއްސަނދިންގެ އަތުން މުދަލުގެ ޒަކާތް ނެގުމަށް ދިނުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރަނގަޅަށް ކަންކަން ހަމަޖެއްސިއްޖެ ނަމަ، ރާއްޖޭގައި ފަގީރުން ވެސް ނުތިބޭނެ ކަމަށާއި އާބާދީގެ ގޮތުން ކުޑަ ގައުމަކަށް އެކަން ކުރެވެންވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

Leave a Reply