ނޮވެމްބަރ 12, 2025

ރާއްޖެއިން މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެ

ވިޔަފާރީ އުސޫލުން އާލާކުރި މޫދުވިނަ، ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ތައްޔާރުވެއްޖެއެވެ.

މޫދުވިނަ އާލާކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު، ބ. ފެހެންދޫގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ މަޝްރޫއު ފެށީ ފްލޯޓިން އޭކާސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

ފްލޯޓިން އޭކާސް ކުންފުނިން ފެށި މަޝްރޫއުގެ ދަށުން އާލާކުރި މޫދު ވިނައިގެ ފުރަތަމަ ސްޓޮކް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުން ނަފާ ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތްތަނުގައިވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމަކީ އިގުތިސާދު ސިންދަފާތުކޮށް، ނޫ އިގުތިސާދު ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށްވަމުން އަންނަކަމުގެ ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަޝްރޫއުގައި ހައްދަނީ ކާތަކެތި ތައްޔާރުކުރުމަށާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެކެވެ. ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަން ހަމަޖެހިފައިވަނީ މޫދުވިނަ ހިއްކައިގެންނެވެ.