ނޮވެމްބަރ 12, 2025

ސަރުކާރުން ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު، ފުވައްމުލަކު އަދިވެސް ފެނަށް ޖެހިފައި! 

ފުވައްމުލަކު ސިޓީގެ ފެނުގެ މައްސަލަ ސަރުކާރުން ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ދިން ވަގުތު ހަމަވިތާ 19 ގަޑިއިރު ވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ ފެނުގެ ނިޒާމު ތަޣައްޔަރުވުމުގެ ސަބަބުންނެވެ.

އިއްޔެ މެންދުރުފަހު 2:51 ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީލާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފުވައްމުލަކުގެ ފެން ތަޣައްޔަރުވުމާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާންގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލަކު ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަން ފަށާނެ ކަމަށް ހީނާ އޭރު ވިދާޅުވެފައިވެއެވެ.

ހީނާ އެ ވިދާޅުވިގޮތަށް ހަ ގަޑިއިރު ހަމަވާނީ ރޭ 9:00 އަށެވެ. ނަމަވެސް މިއަދުގެ މިހާތަނަށް އައި އިރު، ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ. އެހެންކަމުން އޭގެ ފަހުން ވެސް މިހާރު ވަނީ 19 ގަޑިއިރު ވެފައެވެ.

ފުވައްމުލަކުގެ ގިނަ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ ސިޓީގެ ފެން ތަޣައްޔަރުވެފައިވަނީ ފެނަކައިގެ މައްސަލައަކުންނެވެ. ފެން ތަޣައްޔަރުވެފައިވަނީ، ފިލްޓަރު ނައްޓާލުމުން ކަމަށާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރެވިފައިވާ ކަމަށް ވެސް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވާން ދިމާވި ސަބަބާ ގުޅޭގޮތުން މިހާތަނަށް ފެނަކައިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އިއްޔެ ކުރެއްވި ޕޯސްޓުގައި ހީނާ ވިދާޅުވެފައިވަނީ، ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.