ޑްރަގު ވިޔަފާރީކުރާ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅެން އުނދަގޫވާވަރު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދި ”އޮޕަރޭޝަން އަލިމަގު“ ހިންގަން ފެށީ، ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން ހާއްސަ އޮޕަރޭޝަނެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެންގެވުމާ ގުޅިގެންނެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ޑުރަގުގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑުރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް އިހުސާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ”އޮޕަރޭޝަން އަލިމަގު“ ކުރިއަށް ގެންދިއުމަށް ފުލުހުންގެ އިންޓެލިޖެންސުން ހަ މަސްދުވަސް ވަންދެން މައުލޫމާތު އެއްކުރި ކަމަށާއި ދެން ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.
”ދެން ޖެހޭނީ ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުސަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކައިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫ ކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްއޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ގާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން،“ އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މި އޮޕަރޭޝަންގެ ތެރެއިން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓުތަކެއްވެސް ހޯދާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތަފުސީލު ދެމުން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަން ދީފައިވާ ނަމަކީ ”އޮޕަރޭޝަން އަލިމަގު“ އެވެ. މިއީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭ ގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މިއަދު ހެނދުނު 5:30 ގައި ފެށި އެ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށެވެ. އަދި ސްޕެޝަލައިޒްޑް ޑިޕާޓްމަންޓަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލައިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ.
އޭގެ ފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ އޮޕަރޭޝަންގެ ތެރެއިން ހިފެހެއްޓި ޑްރަގުގެ ބައެއް ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.
ފުލުހުން ބުނާ ގޮތުގައި މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ޑުރަގާ ދެކޮޅު ހަރަކާތެވެ.




ގުޅުންހުރި
”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ބަނގުރާ ބޮއެގެން ދަރިއަކަށް ޖިންސީ އަނިޔާކުރި މަންމަ ހައްޔަރުކޮށްފި
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
ޑްރަގު ބޯޓުން ފެނުނީ 58.6 ކިލޯގެ ހެރޮއިން އާއި 355.9 ކިލޯގެ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ