ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު ކޮންމެ ދުވަހަކު އާކުރަން ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުން މުހިންމު ކަމަށެވެ.
ކެއިންބުއިމާއި ހަރަކާތްތެރިވުމާއި ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށާއި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
”ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.



