ނޮވެމްބަރ 14, 2025

ފެނަކައިން ފުވައްމުލަކުގައި ދޫކުރާ ފެން ރައްކާތެރި: އެމްއެފްޑީއޭ 

ފުވައްމުލަކު ސިޓީގައި ދޫކުރާ ފެނަކީ މިހާރު ރައްކާތެރި ފެން ކަމަށް ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ސަބަބުން ވަނީ ފެނުގެ ހިދުމަތް މެދުކަނޑާލައިފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ބުނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން ކައުންސިލަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ އޭރު ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އެމްއެފްޑީއޭ އިން މިއަދު ނެދުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.

”އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުން މި ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމުގައި ދަންނަވަމެވެ..،“ އެމްއެފްޑީއޭ އިން ބުންޏެވެ.

ފުވައްމުލަކުގެ ގިނަ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ ސިޓީގެ ފެން ތަޣައްޔަރުވެފައިވަނީ ފެނަކައިގެ މައްސަލައަކުންނެވެ. ފެން ތަޣައްޔަރުވެފައިވަނީ، ފިލްޓަރު ނައްޓާލުމުން ކަމަށާއި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރެވިފައިވާ ކަމަށް ވެސް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވާން ދިމާވި ސަބަބާ ގުޅޭގޮތުން މިހާތަނަށް ފެނަކައިން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.