ކަނޑުމަގުން ރާއްޖެއަށް ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް އިން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ އޭގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫން ހައްޔަރުކުރި ފަސް ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި ތިން ފިރިހެނުން ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި ދެ ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލް ބަލައިފާސްކޮށްފައިވާ ކަމަށާއި އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން ވަނީ އިއްޔެ ”އޮޕަރޭޝަން އަލިމަގު“ގެ ނަމުގައި ވެސް އޮޕަރޭޝަނެއް ފަށައިފައެވެ. އެ އޮޕަރޭޝަންގައި އިއްޔެ 100 މީހަކު ހައްޔަރުކުރިއެވެ.




ގުޅުންހުރި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ގްރޫމްކޮށް ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ފުލުހުން ހުއިފިލަނޑާ ވިއްކަނީ
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ