ބަދަލު ނުހިފާތީ ސިޔާސީ ވެރިން ލާން ހެދި ގޮޅިތައް ހުރީ ހުސްކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެއްވެސް ސިޔާސީ ވެރިޔަކު ޖަލަށް ލާފައި ނުވާނެ ކަމަށެވެ.
ސިޔާސީ ވެރިން ލުމަށް ހަދާފައި ހުރި ގޮޅިތައް މިހާރު ހުރީ ހުހަށް ކަމަށާއި އެތަނަށް ލާނެ މީހަކު މިހާރު ނެތް ކަމަށެވެ. އަދި މިހާރު ކަރެކްޝަންސް އިން ކުރާ ކަމަކީ ހަމައެކަނި އެ ތަން ސާފުކުރުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނާނެ ކަމަށާއި ސަރުކާރުން އެއްވެ އުޅުމަށް ހުރަސްއަޅާ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން 24 ގަޑިއިރުވެސް އެއްވުންތައް ބާއްވަންވީ ކަމަށާއި އެކަން ހުއްޓުވަން ސަރުކާރުން ނޫޅޭ ކަމަށެވެ. އަދި ސިޔާސީގޮތުން އެ ފަރާތްތައް ހައްޔަރުވެސް ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



