ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުންކަމަށް ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެން ޖެހޭނެ ކަމަށްވެސް ވަނީ ހިމަނައިފައެވެ.
ގާނޫނުގައި މިހާރު އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ހަތް މެންބަރުން ކަމަށެވެ.
ބިލުގައިވާ ގޮތުން، ޑަބްލިޔުޑީސީތަކަށް ގެންނަ ބަދަލަކީ ރަށެއްގައިނަމަ ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއް ނަމަ، އެ ސިޓީ ކައުންސިލުގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭ ގޮތަށެވެ.
އޭގެ އިތުރުން ރައީސް އިންތިހާބުކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބު ރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.
މިހާރު އޮންނަ ގޮތުން ޑަބްލިޔުޑީސީތައް އެކުލެވިގެންވަނީ، ރަށެއްގައިނަމަ ފަސް މެންބަރުން ސިޓީއެއްގައިނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުންނެވެ. އަދި މިހާރު ޑަބްލިޔުޑީސީތަކުގެ ރައީސް އައްޔަންކުރަނީ އިންތިހާބުކުރާ ކޮމިޓީގެ ވޯޓަކުންނެވެ.
އެ އިސްލާހުގެ އިތުރުން ސަރުކާރުން ވަނީ އަތޮޅު ކައުންސިލުތައް އުވާލުމަށް ގާނޫނުއަސާސީއަށް ވެސް އިސްލާހެއް ހުށަހަޅައިފައެވެ.




1 Comment
ގުޅުންހުރި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި