ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ކޮށްފައިވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ހިންގާނަމަ، ގޭންގެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އެޅޭނެ އެވެ. ނަމަވެސް ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން ހުށަހަޅަން ޖެހެނީ ހައިކޯޓަށެވެ. އިންތިޒާމުވެގެން ބަޔަކު ގުޅިގެން ކުށްކުރާ ކަމަށް ސާބިތުވެ، އެއީ ގޭންގެއް ކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕުގެ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެ އެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކިތައް ގޭންގު ކެނޑެޅިއްޖެތޯ ދުވަސްތަކެއް ކުރިން މިނިސްޓަރު އިހުސާން ކައިރިން އެއްސެވި ކަމަށެވެ. ނަމަވެސް ކޯޓަށް ގޮސް ގޭންގުގެ ލޭބަލް ޖެހޭ ވަރަށް ޝަރުތު ހަމަވާ ގޭންގުތައް މިހާރު ހަރަކާތްތެރިނުވާ ކަމަށް އިހުސާން ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގޭންގު ގާނޫނަށްފަހު ގޭންގުތަކުގައި އުޅުނު ޒުވާނުން މިހާރު އުޅެނީ ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ކަމަށާއި އެ މީހުން މިހާރު އާދައިގެ ދިރިއުޅުމެއް އުޅެން ފަށާފައިވާ ކަމަށެވެ. އެހެންވެ ގޭންގުތަކުގެ ގޮތުގައި ކިޔާ ގޭންގުތައް މަދުވެއްޖެ ކަމަށް ވިދާޅުވި އެވެ.




8 Comments
ގުޅުންހުރި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސް: މައުމޫން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްޢަތު އަޔަންކުރަން ފާސްކޮށްފި
ކައްކާ ގޭސް ލިބުމުގައި ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ގޭސް
ރަމަޟާންމަހު މާލެ ސަރަޙައްދުގައި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅައިފި