ނޮވެމްބަރ 18, 2025

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ކަމަށް ބުނި ދެ ތާރީހުގައި ވެސް އެކަމެއް ނުވި, އާ ތާރީހަކަށް އަންނަ ފެބްރުއަރީ

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ކަނޑައެޅި ދެ ތާރީހަށްވެސް އެކަން ނުފެށި އޮއްވައި އަނެއްކާވެސް އާ ތާރީހެއް ދީފި އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކުރީ 15 ފެބްރުއަރީ 2025ގައެވެ. ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ފުރަތަމަ ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުފެށުނެވެ.

އޭގެ ފަހުން މި އަހަރުގެ ޖޫން މަހު އަމީން ވަނީ ކާރުތަކުގެ ޕްރޮޑަކްޝަން މަސައްކަތް އެ މަހުގެ 10 ވަނަ ދުވަހު ފެށޭނެ ކަމަށާއި މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައި އެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ތާރީހަށްވުރެ ލަސް ނުވާނެ ކަމަށްވެސް އޭރު ވިދާޅުވި އެވެ. އެ ތާރީހަށްވެސް އެކަން ފެށިފައެއް ނުވެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދަނީ ޓެކްސީތަކުގެ ޕްރޮޑަކްޝަން މަސައްކަތް ކަމަށެވެ.

”އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަސް ފެށޭއިރުގައި މާލޭގައި އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ޒަމާނީ އަދި ވަރަށް ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފަށާނަން,“ ރައީސް ވިދާޅުވި އެވެ.