ނޮވެމްބަރ 18, 2025

ކައުންސިލު އިންތިހާބަށް އޮފިޝަލުން ހޯދަނީ، މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ މަސައްކަތްތަކަށް އޮފިޝަލުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވަނީ 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށެވެ.

އީސީން ބުނީ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އެގޮތުން ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު، އީ-ފާސްގެ މައުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެ ކަމަށެވެ.

ޕޯޓަލްއަށް ލިޔެކިޔުންތައް ހުށަހެޅުމަށް ބޭނުންކުރެވޭނީ ހަމައެކަނި ޕީޑީއެފް ފައިލް ކަމަށާއި ހުށަހަޅާ ފަރާތްތަކަށް، ފޯމުގެ ސްޓޭޓަސް ޕޯޓަލުން ޗެކްކުރެވޭނެ ކަމަށް އީސީން ބުންޏެވެ. އޮފިޝަލަކަށްވުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ހާސިލުކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ، ވަނަވަރު އަދި ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް ސަމާލުކަންދިނުމަށް އީސީން ވަނީ އެދިފައެވެ.

އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުވެފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ އާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލާފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ އޮފިޝަލަކަށް 2900 ރުފިޔާދޭ އިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ އޮފިޝަލަކަށް ދިނުމަށް ހަމަޖެހިފައިވަނީ 2600 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2300 ރުފިޔާދޭ އިރު، ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1800 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ރިޒާވް އޮފިޝަލުންނަށް 1000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، މަސައްކަތްކުރާ ގަޑިތަކަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޮފިޝަލުންގެ ގޮތުގައި ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.