މިދިޔަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ދައުލަތުން ނިންމައިފި އެވެ.
އެމްޑީޕީގެ “ލޫޓުވައިފި، ލޫޓުވައިފި“ މުޒާހަރާއިން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ ގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އަލީ ޖުމާން އާއި އަޒްމީ އަލީ އަދި ހުސަން ޝާކިރެވެ. މި ހަ މީހުންގެ އިތުރުން މުހައްމަދު ހަލަފް އިބްރާހީމް ހައްޔަރުކުރީ މުޒާހަރާގެ ބައިވެރިން ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށެވެ.
ނަމަވެސް އެ މީހުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް ހުށަހެޅި ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލި އިރު، ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހަގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ އާއި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް އެ އޮފީހަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، އެމްޑީޕީން 3 އޮކްޓޫބަރުގައި ބޭއްވި އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.




ގުޅުންހުރި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
މާދަމާއަކީ މުލަ ރޯދަ ދުވަސް
ޖަރާސީމުން ތަގައްޔަރުވުމާ ގުޅިގެން ”ހޭންޑީ“ ފެން ބޭނުންނުކުރަން އަންގައިފި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
މާދަމާއަކީ ރޯދައިގެ ފުރަތަމަ ދުވަސް: މައުމޫން