ރާއްޖޭގައި ގޫގުލް އިން ހަދާ އިންޓަނޭޝަނަލް ކޭބަލް ސްޓޭޝަންގެ މަސައްކަތަށް އައްޑޫ ސިޓީ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފިއެވެ.
ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ގޫގުލްއިން ނިންމާފައިވާކަން އިއުލާންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުނު ދުވަސް ކަމަށްވާ 17 ނޮވެމްބަރު 2025 ގައެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު، ކައުންސިލަރު އިބްރާހިމް ޝިނާޒް ވިދާޅުވީ އެ ބިމަކީ ހިތަދޫގެ ހިއްކި ބިމުން ހައުސިން މިނިސްޓްރީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް ކަަމަށެވެ.
ނަމަވެސް މިހާރު އެ ބިން އިކޮނޮމިކް މިނިސްޓްްރީއަށް ބަދަލުކޮށްދޭން އެދިފައިވާ ކަމަށާއި ސަރުކާރުން އެ ބިން ބޭނުންކުރަނީ ގޫގުލްގެ އިންޓަނޭޝަން ކޭބަލް ސްޓޭޝަންގެ މަސައްކަތަށްކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ފާސްކުރީ އެ ބިމުން އައްޑޫ ކައުންސިލަށް އާމްދަނީ ލިބޭގޮތަށް ބިން ދޫކުރަން ފެންނަ ކަމަށެވެ.
ގޫގުލްގެ ޕްރޮޖެކްޓާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމި މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމި ސަބްމެރިން ކޭބަލްތައް ލޭންޑް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށާއި އަދި އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެންދާނީ އޭޝިއާ, އޯޝޭނިއާ, އެފްރިކާ, މެދުއިރުމަތި، އަދި ޔޫރަޕު ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
”މިއީ، އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ލިބިގެންދާ ފުރުސަތެކެވެ. މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެއެވެ..،“ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ގޫގުލްގެ އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދިރާގާއި އުރީދޫގެ ބައިވެރިވުމާއެކުގައެވެ.




ގުޅުންހުރި
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހިތަދޫގައި ފުލެޓަކުން ވެއްޓުނު ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ
ރައީސް މުއިއްޒުގެ ވެރިކަމުގައި ހުޅުދޫ އާއި މީދޫ ވެގެންދާނީ ދުބާއީ އާއި
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް