ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.
ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ މުއްދަތަކަށް މަސައްކަތްކުރެއްވި ނިޔާޒު ރިޓަޔަކުރައްވަން ނިންމަވާފައިމިވަނީ، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުން ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖޭއެސްސީން ނިންމާފައިވަނިކޮށެވެ.
ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނީ މި ހަފުތާގެ ކުރީކޮޅެވެ. ނަމަވެސް އޭނާ ރިޓަޔަކުރައްވާ ސަބަބެއް އެނގިފައެއް ނުވެއެވެ.
ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް ނިޔާޒް އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީގައެވެ.
ނިޔާޒް ވަނީ 2022 ވަނަ އަހަރުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭގެ ފަހުން ކޮމިޝަންގެ ނައިބު ރައީސްކަން އަދާކުރެއްވި ނިޔާޒް، ދާދި ފަހުން ވަނީ އެ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ.



