ނޮވެމްބަރ 21, 2025

ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާ ދީފި، ފުރިހަމަ މިސާލެއް

ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާ ހަމަޖައްސައި, އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

މީރުމާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަޒީފާ ލިބުނު ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާ ލިބޭނެ ފުރުސަތު ފަހިވެގެންދިއުމަކީ އިންސާނީ ކަރާމާތަށް އިސްކަންދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުން ދިވެހިންނަކީ ހަމަހަމަ ބައެއްކަން ދޭހަކޮށްދޭ ކަމަށްވެސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދިން ސަރުކާރުގެ ފުރަތަމަ ކުންފުންޏަކީ އެމްޕީއެލް އެވެ.

އެމްޕީއެލް އިން ބުނީ, މިއަދު ވަޒީފާ ދިން 40 ފަރާތުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓުގެ ވަޒީފާތަކަށް ހަމަޖެއްސި ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. މާލެއިން ވަޒީފާ ދީފައިވަނީ 35 ފަރާތަކަށެވެ.