ދުނިޔޭގެ ކުޑަކުދިންގެ ދުވަހު އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް ހިއްސާކުރި އިންސްޓަގްރާމު ވީޑިއޯއެއް ވައިރަލްވެއްޖެއެވެ.
ބެކަމްގެ އެ ވީޑިއޯއަކީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ކުޑަކުދިންނަށް ރަނގަޅު ތައުލީމާއި ފުރުސަތު އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރާ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރާ ކަމަށްބުނެ ހިއްސާކުރި ވީޑިއޯއެކެވެ.
އެ ވީޑިއޯގައި ބެކަމް ވަނީ ކުއްޖެއްގެ ދުވަހެއްގެ ވާހަކަ ހިއްސާކޮށްފައެވެ. އެއީ އުމުރުން ތިން އަހަރުގެ ރާއްޖޭގެ ”ބަބްލް“ ގެ ވާހަކައެކެވެ.
އެ ވީޑިއޯގައި ”ބަބްލް“ ބުނެފައިވާ ގޮތުގައި ދުވަހުގެ ހެނދުނުގެ ވަގުތުގައި ސްކޫލުގެ މަޖާ މާހައުލުގައި ހޭދަކޮށްލުމަށްފަހު، ގެއަށް އައިސް މޭވާ ފަދަ ސިއްހަތަށް ފައިދާ ހުރި ތަކެތި ކާން އިސްކަމެއްދެއެވެ. ހަވީރުގެ ވަގުތުގައި އާއިލާއާއެކު ގެއިން ބޭރުގައި ކުޅެމުންދަނިކޮށް ވެއްޓުނު ނަމަވެސް، ”އައިމް އަ ސްޓްރޯންގް ގާލް“އެއް ކަމަށްބުނެއެވެ.
އެ ވީޑިއޯ ނިންމާލަމުން ފެންނަނީ މަގުމައްޗަށް އަޅާފައިވާ ކުނިތަކެއް ”ބަބްލް“ ޑަސްބިނަށް އަޅާ މަންޒަރެވެ.
ބެކަމްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ކިތަންމެ ހަގު ކުއްޖެއް ނަމަވެސް، ކޮންމެ ކުއްޖެއްގެ އަޑު އިއްވަން ޖެހެއެވެ.



