މިދިޔަ ދެ އަހަރު ތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައި ކޮމިޝަން ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ, ވޭތުވެދިޔަ ދެ އަހަރުތެރޭ މާލެ ސަރަހައްދު ނުހިމަނައި 29 ރަށެއްގައި ޖެންސެޓް ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ރަށްތަކަށް ޖުމުލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ އިތުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކޮމިޝަން ކުރި 44 ޖެންސެޓްތަކުގެ ތެރެއިން 28 ޖެންސެޓަކީ މުޅިން އާ ޖެންސެޓެވެ.
އެގޮތުން އއ. އަތޮޅުގެ ބޮޑުފޮޅުދޫ, ފެރިދޫ, ހިމަންދޫ, އުކުޅަސް, މަތިވެރި އަދި ތޮއްޑޫގައި މުޅިން އާ ޖެންސެޓް ބަހައްޓާފައިވާއިރު, އދ. އަތޮޅުގެ ދަނގެތި, ދިއްދޫ, ދިގުރަށް, ފެންފުށި, މަހިބަދޫ އަދި އޮމަދޫގައިވެސް އާ ޖެންސެޓް ވަނީ ބަހައްޓައިފަ އެވެ.
އޭގެ އިތުރުން މާލެއަތޮޅުގެ ދިއްފުށި, ގާފަރު, ގުޅި, ގުރައިދޫ, ހިންމަފުށި, ކާށިދޫ, މާފުށި, ތިލަފުށީގެ އިތުރުން ވިލިމާލޭގައާއި ވ. އަތޮޅު ފެލިދޫ އަދި ތިނަދޫގައި ވެސް އާ ޖެންސެޓް ބަހައްޓާފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.



