ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް ވެސް ބާއްވާ ނުލާ: ޔާމީން

ރައީސް މުއިއްޒާއި ޔާމީން ---

ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ދެ ބިލިއަން ރުފިޔާ ހުސްކޮށްލި އިރުވެސް ގެދޮރުވެރިކަމުގެ ގާބުރިއެއްވެސް ބާއްވާނުލާތީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ފާޑުވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ”ރައިޒް އަޕް ޔޫތް“ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް އެ މެންބަރަކު ނިސްބަތްވާ ދާއިރާއަށް ކޮށްދޭނެ ކަމެއް ބަޖެޓުގައި ފެންނަން ނެތް ކަމަށެވެ. އަދި ރައީސަކަށް ފެންނަ ކަމެއް, ބޭނުން ގޮތަކަށް ކުރައްވާނަމަ ރާއްޖޭގައި މިވަގުތު ހުންނެވީ ރަސްކަލެއް ކަމަށްވެސް ވިދާޅުވި އެވެ.

”ދެ އަހަރުގެ ބަޖެޓު ނިމިގެން އެ ދިޔައީ. މިތަނުގައި (ހުޅުމާލެ ދެވަނަ ފިޔަވަހީގައި) ހުރެ މިއަދު ވާހަކަދައްކާއިރު މިތަނަކީ ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން, ޒުވާނުންނަށް ހާއްސަކޮށްގެން ގެދޮރުވެރިކަން ފަހިކޮށްދިނުމަށްޓަކައި ބިނާކުރި ތަނެއް ނުވަތަ ހިއްކި ބިމެއް މިއީ. ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެފައި އެއް އަހަރު މި ހުސްކޮށްލީ 2,000 މިލިއަން ރުފިޔާ ހުސްކޮށްލީ. ގެދޮރުވެރިކަމުގެ ގާބުރިއެއްވެސް ބާއްވައި ލެވުނުތޯ. ނެތެއްނޫންތޯ,“ ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ, މި ސަރުކާރަށް ދެ އަހަރުވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވި ރިޕޯޓުގައި ރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށާއި މުޅިންވެސް ވިދާޅުވެވުނީ ރަސްމާލެ އިން 15,000 ގޯތި, ކާށިދޫ ކަނޑުން 30,000 ގޯތި އަދި ބަރަވެލި ކަނޑުން 20,000 ގޯތި ދެއްވާނެ ކަމަށެވެ.