ނޮވެމްބަރ 23, 2025

މަރުގެ އިންޒާރާއެކު ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް

މ. އަތޮޅުގެ ރަށެއްގައި 17 އަހަރުގެ ކުދިންތަކެއް ދިހަ އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިހަ އަހަރުގެ ކުއްޖާގެ ބައްޕަ، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ދަރިފުޅު މިސްކިތަށް ދިޔަ މަގުމަތީގައި، ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި 17 އަހަރުން ދަށުގެ ކުދިންތަކެއް އޭނާގެ ދަރިއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

އެ ކުދިންތައް އޭނާގެ ދަރިފުޅަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން މަސައްކަތްކޮށް، ރޯކޮށްފައިވާ ސިނގިރޭޓު ޖައްސަން މަސައްކަތްކޮށް، އެ ވާހަކަތައް އެއްވެސް މީހަކާ ހިއްސާކޮށްފި ނަމަ، އޭނާގެ ބެލެނިވެރިން މަރާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ދިހަ އަހަރުގެ ކުއްޖާގެ ބައްޕަ ބުންޏެވެ.

އެ ކުއްޖާގެ ބައްޕަގެ ޕޯސްޓުގައި ވަނީ ސަރުކާރާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ފުލުހުން، އެ މައްސަލައިގައި އަވަސް ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމަށް ގޮވާލައިފައެވެ. އަދި ރާއްޖޭގެ އެއްވެސް ކުއްޖަކު ބިރުވެރިކަމުގައި ދިރިއުޅެން ޖެހިގެން ނުވާނެ ކަމަށް ބުންޏެވެ.

އޭގެ ފަހުން މިއަދު ކުރި ޕޯސްޓެއްގައި އޭނާ ބުނީ އެ ދުވަހު އޭނާގެ ދަރިއަށް އަނިޔާކުރި ކުއްޖަކު ވަނީ އޭނާގެ ދަރިފުޅާއެކު މިސްކިތަށް ދިޔަ އަނެއް ކުއްޖާއަށް ސްކޫލުގެ ތެރެއިން ހަމަލާދީފައި ކަމަށެވެ. އަދި އެ ކުއްޖާގެ މަންމަ މިހާރު އެ މައްސަލަ އެ ރަށު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ދަނީ ބަލަމުންނެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ރަނގަޅަށް ނުބެލެހެއްޓޭ މައްސަލތައްަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެ މަރުކަޒުތަކުގައި ބަލަހައްޓަން ތިބޭ މީހުންނަށް އެ ކުދިންގެ ފަރާތުން ލިބޭ އަނިޔާތައް ވެސް މިނިސްޓްރީން ރަނގަޅަށް ނުބަލާކަމުގެ ޝަކުވާތައް ވެސް ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.