އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ހިންގި ބިގިނާސް އިލެކްޓްރީޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
މިކަމަށްޓަކައި މިއަދު ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
ކޯހުގެ ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ.
މި ކޯހަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރުދީ، އެ ދާއިރާ އިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ދާއިރާއަށް އަހުލުވެރިކޮށް، އެމަގަށް ހަރުދަނާ ބިންގަލެއް އަޅައިދިނުމުގެ މަގުސަދުގައި ސްޓެލްކޯ އިން ހިންގި ކޯހެކެވެ.
އެގޮތުން އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭ ގޮތަށް، ޖުމުލަ ހަތް ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ކޯހުގައި ބައިވެރިވެ 116 ކަނބަލުން ކޯސް ފުރިހަމަކޮށްފައިވެ އެވެ.
މި ކޯހުގައި ޓްރެއިނަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ސްޓެލްކޯގައި ތިބި އިލްމާއި ހުނަރުގެ ގޮތުން މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި:
- ގޭބީސީ ކަރަންޓު ވަޔަރުކުރުމުގެ އަސާސީ މައުލޫމާތާއި އަމަލީ ގޮތުން އެކަން ކުރާނެ ގޮތް
- ވަޔަރު ކުރުމަށް ބޭނުންވާ ޖެހޭ ސާމާނު
- އެކި ބޭނުންތަކަށް ކަމުދާނެ ސޮކެޓް އަދި ނަރުގެ ސައިޒު ފަދަ މައުލޫމާތު
- ގޭބިސީގައި އެންމެ އާންމުކޮށް ބޭނުންކުރާ ކަރަންޓު އާލާތްތައް ކަމުގައިވާ ބޮކި، ފަންކާ، ސްވިޗް، ޑީ ބޯޑް ފަދަ ތަކެތި ހަރުކުރުން
- ޑީ ބޯޑަށް ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް
- ގޭބީސީތަކުގައި ބޭނުންކުރާ ކަރަންޓު ސާމާނު ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް
- ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެ ގޮތްތައް
ރަސްމިއްޔާތު ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ފަށާ ފެންވަރުގެ މައުލޫމާތާއި މަސައްކަތާއި ހުނަރަށް ހާއްސަކޮށްގެން މިފަދަ ކޯހެއް ފަރުމާކުރުމަކީ ބޮޑު ބަދަލަކަށް އުއްމީދު ކުރެވޭ އަދި ތަސައްވަރު ކުރެވޭ ކަމެއް ކަމަށެވެ.
”މި ކޯސް ހާއްސަކުރެވިފައި މިވަނީ އަންހެނުންނަށް. ކޯހުގެ މައިގަނޑު މަގުސަދެއް ކަމަށް ކަނޑައެޅިފައި މިވަނީ، ގޭތެރޭގައި ހައްލުކުރަންޖެހޭ ކަރަންޓުގެ މައްސަލަތައް ގޭތެރޭން ހައްލުކުރެވޭނެ މަގު ފަހިކުރުން. އެންގިވަޑައިގަންނަވާނެ ފަދައިން އިޖުތިމާއީ، ރަސްމީ ހިދުމަތުގެ އިތުރަށް އަންހެނުންނަކީ ގޭތެރޭގެ ވަރަށް ބޮޑު، ވަރަށް ބުރަ ޒިންމާތަކެއް އުފުލާ ބައެއް. އެހެންކަމުން އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަގީން.“ މެޑަމް ސާޖިދާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޝަމާހް ވިދާޅުވީ ފިރިހެނުން ޑޮމިނޭޓް ކުރަމުން އަންނަ ދާއިރާއަކަށް އަންހެނުން ތަމްރީނު ކުރުމުގެ ސަބަބުން ވަރަށް އެދެވޭ، ރަނގަޅު ނަތީޖާތަކެއް ނުކުންނާނެ ކަމަށެވެ.
”އެގޮތުން ކަނބަލުންނަށް އަމިއްލަ ދިރިއުޅުމުގައި ގޭތެރޭގައި ޖެހޭ ކަރަންޓުގެ ކުދިކުދި ކަންތައްތައް އެހެން އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮށްލުމުގެ ފުރުސަތު ލިބިގެންދިއުމާއި އަދި މި ދާއިރާއިން އާމްދަނީ ހޯދުމުގެ ވިސްނުންތެރިކަމާއި ކަނބަލުންނަށް އެކަމުގެ އަސާސީ ހުނަރު ދަސްކޮށްދެވި އޭގެ ތެރެއަށް ނުކުތުމަށް އެދެވިގެންވާ ވަރުގަދަ ބިންގަލެއްގެ ގޮތުގަ އަޅުގަނޑު ދެކެން،“ ޝަމާހް ވިދާޅުވި އެވެ.




ގުޅުންހުރި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލެ އިންޖީނުގެއަށް އިތުރު ޖެންސެޓެއް!
މި ބަންދުގައި ސްޓެލްކޯގެ ކައުންޓަރުތައް ބަންދުވިޔަސް، ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިފި