ޒަކާތު ފަންޑުން އެހީ ނުލިބޭ ކަމަށްބުނެ ޝަކުވާކުރި އެކަނިވެރި މައެއްގެ މާލީ ހިސާބު އާންމުކުރެއްވުމަށްފަހު، އިސްލާމިކް މިނިސްޓަރު ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓު ޑިލީޓު ކުރައްވައިފިއެވެ.
ވިލިމާލޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވިލިމާލޭގައި ދިރިއުޅޭ އެކަނިވެރި މަޔަކު ވަނީ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ޒަކާތު ފަންޑުގެ އެހީއަށް އެތައް ފަހަރަކު އެދުމުން، އެކައުންޓު ރޯލުވެފައިވާ ކަމަށްބުނެ، އެހީ ދީފައިނުވާކަމުގެ ޝަކުވާކުރިއެވެ.
އައިޝަތު އަލީ (އައިޝާ) ނަމަކަށް ކިޔާ ފަސް ކުދިންގެ މަންމަ ދެއްކި އެ ވާހަކަތަކުގެ ވީޑިއޯއެއް ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައިޝާ އެހީއަކަށް އެދުމުން ޒަކާތު ހައުސިން އިން މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް 15،500 ރުފިޔާ ދިން ކަމަށެވެ.
އެކެނިވެރި މައިންނަށް ދައުލަތުން ދޭ އެހީއާއެކު މިހާރު އޭނާ ވަޒީފާގައި އުޅޭތީ މަހެއްގެ މައްޗަށް ޖުމްލަ 22،000 އަށްވުރެ ގިނައިން މުސާރަ ލިބޭތީ، ފަގީރުންގެ ދަފްތަރަށް ނާރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަދި އޭނާގެ ބޭންކު އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި. މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން ޒަކާތު ހައުސިން އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،“ މިހާރު ޑިލީޓްކޮށްލާފައިވާ އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި އައިޝާ ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅަކީ ލޮލުގެ މައްސަލައެއް ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި ދެން ހުންނަ ހަތަރު ކުދިންގެ ބައްޕައަކީ ޖަލު ހުކުމެއް ތަންފީޒުކުރާ މީހެއް ކަމަށެވެ. ދާދިފަހުން ވަޒީފާއެއް ލިބުނު ނަމަވެސް، މީގެ ކުރިން އެކި މަސައްކަތްކޮށްގެން ހާލުގައި އުޅުނު ކަމަށް އޭނާ ބުންޏެވެ.
އެކައުންޓު ރޯލުވެފައިވަނީ އެކި ސަބަބުތަކަކާ ހުރެ ކަމަށާއި ކޮންމެ މީހެއްގެ ވެސް އެކައުންޓު ރޯލުވާނެ ކަމަށެވެ. އަދި އެކައުންޓު ރޯލުވެފައިވާ އެންމެ ބޮޑު ސަބަބަކީ، ހަގު ދަރިފުޅުގެ ބޭސްފަރުވާއަށް ދިއުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށާއި، އެކި ފަރާތްތަކުގެ އެހީ ލިބިފައިވާތީ ކަމަށް އޭނާ ބުންޏެވެ.




10 Comments
ގުޅުންހުރި
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ
ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް
އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް