ނޮވެމްބަރ 24, 2025

ސޯލިހާއި ނަޝީދު އަދި ފައްޔާޒްގެ އަރައިރުންގަނޑެއް 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލް، ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި އެ ބަހުގެ ހަމަލާތައް ރައްދުކޮށްފައިވަނީ، މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވީ ސަބަބާއި ކުރެއްވި މަސައްކަތްތައް، އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒް ހިއްސާކުރެއްވުމުންނެވެ.

އެ ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ އިންތިހާބަށް އެ މަނިކުފާނު ކުރިމަތިނުލައްވައި ރައީސް ސޯލިހަށް ފުރުސަތުދެއްވުމަށް ދެ ފަހަރު މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

”ރައީސް ސޯލިހުގެ ބައެއް އަރިސް ބޭފުޅުންނާއި އަދި ރައީސް ސޯލިހަށް ވެސް އެގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލައި އިންތިހާބު ކާމިޔާބުވާނެ ކަމަށް މާބޮޑަށް ދެކެވި، މުޅި ކަން ހަރާބުވީ،“ ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާހަކަތައް ކަމަށްބުނެ ދެކެވޭ ވާހަކަތަކަކީ އެކަމުގެ އެއްބައި ކަމަށާއި އޭގެ ހުރިހާ ތަފްސީލުތަކެއް ނުދައްކަވައި މަޑުކުރައްވަނީ މަސްލަހަތަށްޓަކައި ކަމަށެވެ.

ސޯލިހުގެ އެ މެސެޖުތަކަށްފަހު ފައްޔާޒް ދެއްވި ރައްދުގައި ވިދާޅުވީ، ރައީސް ސޯލިހު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

ޗެއާޕާސަންކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން، ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދާއެކު މަސައްކަތްކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ހުށަހެޅުއްވީ އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް، ނިޒާމީ ވޯޓެއް ނެގުމަށް ކަމަށާއި ނަމަވެސް އޭރު އެގޮތަށް އެއްބަސްނުވެވުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އޭގެ ދުވަސްކޮޅެއް ފަހުން ނަޝީދުގެ އެ ހުށަހެޅުއްވުން ގަބޫލުކުރައްވައި، ކުރިއަށްދިއުމަށް ހުށަހެޅުމެއް ހުށަހެޅުމަށް ރައީސް ސޯލިހު ދެންނެވި ކަމަށާއި ނަމަވެސް ވަކި ނިޒާމަކަށް ތާއީދުކޮށްގެން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި، އެ ނާކާމިޔާބީއާއެކު ރިޔާސީ އިންތިހާބާ ކުރިމަތިލާން ޖެހިދާނެތީ ނަޝީދަށް ހުށަހެޅުއްވީ އެހެން ގޮތެއް ކަމަށެވެ.

ނަޝީދަށް ފަހުން ހުށަހަޅާފައިވާނީ އެމްޑީޕީން ވަކި ނިޒާމަކަށް ތާއީދުނުކޮށް ނިޒާމީ ވޯޓަކަށް ދިއުމަށް ކަމަށާއި ނަމަވެސް ފަހުން އަނެއްކާވެސް އެމްޑީޕީގެ އިސްބޭފުޅުން ނިޒާމީ ވޯޓަކަށް ދާން ބޭނުންނުވި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.