ދަ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) އިން ރާއްޖޭގައި އަސްކަރީ ދެ އިނީޝިއޭޓިވް އިފުތިތާހުކޮށް, ރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު ތަމްރީން ދިނުމުގެ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އައިއެމްސީޓީސީން ރާއްޖޭގައި އިފުތިތާހު ކޮށްފައިވަނީ އެ ކޯލިޝަންގެ މިލިޓަރީ ޑޮމެއިންގެ ދެ ސްޓެރީޖިކް އިނީޝިއޭޓިވް ކަމަށްވާ ”ކޮމްޕިޓެންސް“ އަދި ”ސައިބާ“ގެ ހަރަކާތްތަކެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް މުޣައިދީ އާއި ސިވިލް އަދި އަސްކަރީ އިސްވެރިންނާއި ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވި އެވެ.
އައިއެމްސީޓީސީން ބުނީ ”ކޮމްޕިޓެންސް“ އިނީޝިއޭޓިވްގެ މަގުސަދަކީ, އަސްކަރީ ދާއިރާ އިން, ހާއްސަކޮށް ނޭވަލް މައިންއާ ދެކޮޅަށް ރާއްޖޭގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން ނޭވަލް މައިންތަކާ ގުޅޭ މައުލޫމާތާއި އެ ތަކެތީގެ މެކޭނިޒަމްތަކާއި ރައްކާތެރިކަމާއެކު މައިން ނައްތާލުމުގެ އުކުޅުތައް އަދި އެންމެ ޒަމާނީ ސާމާނާއި އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައިން ހޯދައި ނައްތާލުން އަދި ކަނޑުއަޑީގެ އޮޕަރޭޝަންތަކުގައި ދޭ ފިލްޑް ތަމްރީނުތައް ހިމެނޭ ގޮތަށް ތިއަރީ އަދި އަމަލީ ތަޖުރިބާތައް ލިބޭ ހާއްސަ ކޯސްތަކެއް ހިންގާނެ އެވެ.
ސައިބާ އިނީޝިއޭޓިވްގެ މަގުސަދަކީ ރާއްޖޭގައި ސައިބާ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމެވެ. އެގޮތުން މި އިނީޝިއޭޓިވްގެ ދަށުން ޑިޖިޓަލް ރައްކާތެރިކަން, ނުރައްކާތައް ދެނެގަތުން, ސައިބާ ހަމަލާތަކަށް ރައްދުދިނުމުގައި ބޭނުންކުރާ އުކުޅުތައް އަދި ގައުމީ އިންފްރާންސްޓްރަކްޗާގެ ސަލާމަތީ ކަންކަން ވަރުގަދަކުރުން ފަދަ ކަންކަން ހިމެނޭ ހާއްސަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އައިއެމްސީޓީސީން ބުންޏެވެ.
އައިއެމްސީޓީސީ އާއި ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާ އާއެކު މިއަދު ސޮއިކުރި ޖޮއިންޓް އެއްބަސްވުމަކީ އަސްކަރީ އަދި ޓެކްނިކަލް ތަމްރީނުތަކާއި ތަޖުރިބާ ބަދަލުކުރުމާއި ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސައުދީ އަރަބިއާގެ ދިފާއީ ވަޒީރު އަދި އައިއެމްސީޓީސީގެ ދިފާއީ ވަޒީރުންގެ މަޖިލީހުގެ ޗެއާމަން, ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ދެއްވާ އެހީތެރިކަމާއި ސަމާލުކަން ފާހަގަކުރައްވައިފަ އެވެ. އަދި ރާއްޖެ އާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕަށް އޭނާ ތައުރީފު ކުރެއްވި އެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, މިއަދު އިފުތިތާހު ކުރި ދެ އިނީޝިއޭޓިވް އާއެކު މެންބަރު ގައުމުތަކުގެ ގާބިލުކަން ބިނާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި މި ޒަމާނުގެ ސަލާމަތީ މާހައުލަށް ބޭނުންވަނީ ކުރިއަރާފައިވާ އޮޕަރޭޝަނަލް ތައްޔާރީތަކުގެ އިތުރުން ގައުމީ ސަލާމަތް ރައްކާތެރިކުރެވޭނެ ގޮތަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ސައިބާ ނިޒާމުތަކެއް ކަމަށް ވިދާޅުވި އެވެ.
އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ, މިއަދު ސޮއިކުރި އެއްބަސްވުމުން ހާމަކޮށްދެނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އާއި އައިއެމްސީޓީސީއާ ދެމެދު އޮތް ވަރުގަދަ ގުޅުން ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވަނީ އައިއެމްސީޓީސީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އިފުތިތާހު ކުރި ދެ އިނީޝިއޭޓިވްސް އަކީ ދިފާއީ އަދި ޑިޖިޓަލް ގާބިލުކަން ތަރައްގީކޮށް ރާއްޖޭގެ ސަލާމަތާއި ހަމަޖެހުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އިފުތިތާހު ކުރި ފަދަ ސްޓްރެޓީޖިކް އިނީޝިއޭޓިވްތަކަކީ މަތީ ފަންތީގެ ކުރިއަރާފައިވާ ޕްރޮގްރާމްތައް މެދުވެރިކޮށް މެންބަރު ގައުމުތަކުގެ އަސްކަރިއްޔާ ތައްޔާރުކޮށް, ސައިބާ ސެކިއުރިޓީ އަދި ބަދަލުވަމުންދާ ނުރައްކާތަކާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.




ގުޅުންހުރި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި