ނޮވެމްބަރ 28, 2025

ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން، ފެރިދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

އއ. ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއީލް ޝާހުގެ މައްޗަށް ޖިންސީ ފުރައްސާރަކުރިކަމުގެ މައްސަލައެއް ސާބިތުވާ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމުމުން، މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް އޭނާ ސަސްޕެންޑްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި ޓްރައިބިއުނަލުން ނިންމާފައިވަނީ، ފެރިދޫ ކައުންސިލުގެ އިދާރީ މުވައްޒަފަކަށް ޝާހު ޖިންސީ ފުރައްސާރަކުރިކަން ސާބިތުވާ ކަމަށެވެ.

އެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު އެލްޖީއޭއިން ވަނީ ޝާހުއަށް ދީފައެވެ.

އެލްޖީއޭގެ އިންކުއަރީގައި ފާހަގަވި ކަންކަން އެލްޖީއޭ އިން މިއަދު އާންމުކޮށްފައިވާ އިރު، އެ މައްސަލައިގައި ހިމެނޭ ދެ ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، ހެކިވެރިޔާގެ ހެކިބަހަށް ރިއާޔަތްކޮށް ވަނީ ބަލައިފައެވެ.

އެލްޖީއޭއިން ބުނީ ލާމަރުކަޒީ ގާނޫނާއި ޖިންސީ ފުރައްސާރަ ހުއްޓުވުމުގެ ގާނޫނާ ޝާހު ހިލާފުވެފައިވާކަން އަދި ޝާހުގެ އެ އަމަލުގެ ސަބަބުން ފެރިދޫ ކައުންސިލުގެ އެންމެހާ މުވައްޒަފުންނާއި އަދި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދެވޭ އަމަލެއް ކަމަށް އިންކުއަރީއަށް ފާހަގަކުރެވޭތީއާއި މައްސަލައިގެ ބޮޑުމިނަށް ބަލައި މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް އޭނާ ސަސްޕެންޑުކުރުމަށް މިއަދު ބޭއްވި އެ އިދާރާގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އެ މުވައްޒަފާ މެދު ފުރައްސާރައިގެ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް ވެސް ޝާހުގެ މައްޗަށް ވަނީ އަންގައި އަމުރުކޮށްފައެވެ.

އެލްޖީއޭގެ އިންކުއަރީގައި ފާހަގަވެފައިވާ ކަންކަން

  • ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ”ކައުންސިލް ހިނގަމުންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛“ އެއީ ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވާ އިރު، ކައުންސިލުގައި ކައުންސިލުގެ ރައީސް އެފަދަ އަމަލުތަކެއް ހިންގުމަކީ ގާނޫނުން ކައުންސިލުގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ޝާހު ހިލާފުވެފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާ ކަމަށް
  • ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ”ކައުންސިލްގެ ތަސައްވުރު ކާމިޔާބުކަމާއެކު ހާސިލުކުރުމަށްޓަކައި އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުން“ ކަމާއި އަދި ”ކައުންސިލްގެ ހައިސިއްޔަތާއި ގަދަރު ދެމެހެއްޓުމުގެ ގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ބަޔަކަށްވުން“ ކަމަށް ބަޔާންކޮށްފައިވާ އިރު، ޝާހުގެ ކިބައިން ފެނިފައިވާ އަމަލުތައް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތްކުރާއިރު އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝާހު ގާނޫނުގެ އެ މާއްދާއާ ހިލާފުވެފައިވާކަމަށް
  • ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ”ކައުންސިލްގެ އިދާރީ ހިންގުން ނުވަތަ ހިދުމަތެއް ހުއްޓާލުން ނުވަތަ ހުއްޓުވާލުން ނުވަތަ ހުއްޓުވާލުމަށް މަސައްކަތްކުރުމާއި، އަދި އެއިން ކަމަކަށް ބުރޫއަރާ ފަދަ އަމަލުތަކާއި، ކައުންސިލްގެ މަސްލަހަތު ގެއްލޭފަދަ އަމަލުތަކާއި، ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ކުރުން“ ކަމަށް ބަޔާންކޮށްފައިވާ އިރު، ޝާހުގެ އަމަލުގެ ސަބަބުން ގާނޫނުގެ އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ޝާހު އަމަލުކޮށްފައިވާކަން އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އިންކުއަރީއަށް ކަށަވަރުވެފައިވާ ކަމަށް
  • އިންކުއަރީއަށް ޖަވާބުދާރީވުމަށް ދިން 30 ދުވަހުގެ މުއްދަތުގައި ޝާހުއަށް ދިން ފުރުސަތުގައި ދެއްވި ޖަވާބުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ފާހަގަކުރިޔަސް ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ނުކުރާ ކަމަށް

Leave a Reply