ނޮވެމްބަރ 28, 2025

ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު: ޝަހީމް

ގަހަކުން ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު ކަމަށާއި ގެއްލުން ލިބޭ ގަހެއް ވިއްޔާ ކަނޑަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި މިވަނީ، ވިލިމާލޭގެ ރައްޔިތުންގެ އެދުމުގެ މަތިން ދެ ނިކަގަހެއް ކެނޑުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގަހެއް ދެމެހެއްޓުމާއި ނުދެމެހެއްޓުން ބިނާވެގެންވަނީ އެއިން ލިބޭ ފައިދާއާއި ގެއްލުމުގެ މައްޗަށް ކަމަށާއި އެއްޒަމާނެއްގައި ފައިދާލިބޭ ގަހެއް، ފަހުން އެހެން މަސްލަހަތަކާ ގުޅިގެން ކަނޑާލަން ޖެހިދާނެ ކަމަށެވެ. ނުވަތަ އެ ގަސް އެހެން ތަނަކަށް ނަގުލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ މިސްކިތް ބިނާކުރެއްވީ އެތަނުގައި ހުރި ގަސްތައް ކަނޑުއްވާލައްވާފައި ކަމަށާއި ޔަހޫދީންގެ ގަބީލާއެެއްކަމުގައިވާ ބަނުއްނަޟީރުވަންހައިގެ މީހުންގެ ގަސްތައް ކެނޑުއްވުމަށް ކީރިތި ރަސޫލާ މުސްލިމުންނަށް އަމުރުކުރެއްވި ކަމަށެވެ. އެއީ އެމީހުންގެ އުނދަގުލުން ސަލާމަތްވުމަށާއި އެމީހުން މުސްލިމުންނަށް ގެއްލުންދޭތީވެ އެމީހުން ބަލިކުރެއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެއްވެސް ސަބަބަކާ ނުލައި ހިޔާ ލިބޭ ގަހެއް ކަނޑައިލުމަކީ ފާފަވެރިވެދާނެ ކަމެކެވެ. ހުލާސާއަކީ، މީސްތަކުންނަށް ގެއްލުން ނުވާ ގޮތަށް ހުންނަ ގަސްތައް ދެމެހެއްޓުމަކީ މުހިންމުކަމެއް. ގެއްލުން ލިބޭ ނަމަ، އިސްކުރަންޖެހޭނީ އިންސާނުންގެ މަސްލަހަތު. އެ ގަސް ކަނޑާލަންޖެހޭނެ. އެންމެ މާތް މަހުލޫގަކީ އިންސާނާ،“ މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ގަހަކުން އިންސާނުންނަށް ހިޔާ ނުވަތަ މޭވާއާއި އެހެނިހެން ފައިދާތައް ލިބޭ ގަސްގަހާގެހި ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އިސްލާމް ދީން ނުހަނު ބާރު އަޅާފައިވާ ކަމެއް ކަމަށާއި ހަނގުރާމައިގެ ހާލަތުގައި ގަސްގަހާގެހި ކެނޑުމަކީ ވެސް މަނާކުރައްވާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ނަމަވެސް މީސްތަކުންނަށް ގެއްލުންވާ ގޮތަށް ހުންނަ ގަސްގަހާ ގެހި، ނުވަތަ ގެއްލުންވާގޮތަށް ހުންނަ ގޮފިތައް ކެނޑުމަކީ ދީނީ ނަޒަރުން ބަލާއިރު ހުއްދަކަމެކެވެ. އަދި ކިއެއްތޯއެވެ. ސަވާބު ވެސް ހުރިކަމެކެވެ،“ މިނިސްޓަރު ވިދާޅުވިއެވެ.

ތިމާވެށި ރައްކާތެރިކުރުމަކީ ދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަކަށް ވީއިރު ވެސް، އާންމު އުނދަގުލަކަށްވާ ގޮތަށް ނުވަތަ މީސްތަކުންގެ ގެއާއި ގެދޮރަށް ގެއްލުންވާ ގޮތަށް ނުވަތަ ހިނގާބިގާ އުޅޭ މީހުންނަށް ގެއްލުންވާގޮތަށް ހުންނަ ގަސްގަހާ ގެއްސާއި އެފަދަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކެނޑުމަކީ ކުރުން ޖާއިޒުކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ ގެއްލުމުގެ ކުޑަ ބޮޑު މިންވަރަށް ބަލައި ކުރުން ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ހާދިސާއެއްގައިވާ ގޮތުން މީސްތަކުންނަށް ގެއްލުންވާގޮތަށް މަގުމަތީގައި ހުރި ގަހެއްގެ ގޮފި ކަނޑާލުމުން، (އެހެން ރިވާޔަތެއްގައިވާ ގޮތުން) ގެއްލުންވާގޮތަށް ހުރި ގަހެއް ކަނޑާލުމުން، މާތް ﷲ އެކަން ކުރިމީހާއަށް ރަހުމަތްލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އުސޫލު ފިގުހުގެ ގަވާއިދެއްގައި އައިސްފައިވެއެވެ. (الضَّرَرُ يُزَالُ) މާނައީ (ގެއްލުން ފިލުވައިލުން ހުއްޓެވެ). އިސްލާމީ ޝަރީއަތުގެ އުސޫލުތައް ބިނާވެގެންވަނީ ގެއްލުންތަކުން ސަލާމަތްކޮށް މީސްތަކުންގެ މަސްލަހަތު ދެމެހެއްޓުމުގެ މައްޗަށެވެ..،“ މިނިސްޓަރު ވިދާޅުވިއެވެ.