ޑިސެމްބަރ 8, 2025

ކުރީ ސަރުކާރުން ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދޭން ޝަރުތަކަށް ނުބަލާނަން: ރައީސް 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިޔާ ފުލެޓުތައް އަތުލި މީހުންނަށް ފުލެޓުދިނުމުގައި އެއްވެސް ޝަރުތަކަށް ނުބަލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާއެކު ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވައުދުވަޑައިގެންނެވި ގޮތަށް އެއްވެސް ފުލެޓެއް އަދި ގޯއްޗެއް ވެސް އަތުނުލައްވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ހިޔާ ފުލެޓުގެ ފައިނަލް ލިސްޓަށް އެރުމަށްފަހު، މިދިޔަ ސަރުކާރުން އެ ފުލެޓުތައް އަތުލި މީހުންނަށް، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިން ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ހަދާ 7500 ފުލެޓުން އެމީހުންނަށް ފުރުސަތު ލިބޭނެ ކަމަށާއި އެގޮތުން އަންނަ މަހު ފުލެޓަށް ހުޅުވާލާ ފުރުސަތުގައި ވަކި ކެޓަގަރީއެއް ހާއްސަކޮށް، އެ ކެޓަގަރީން ފުލެޓު ދޭނެ އަދަދު ވެސް ކަނޑައަޅާފައިވާނެ ކަމަށެވެ.

ފުރަތަމަ ބުރުން ފުރުސަތު ނުލިބުނު ނަމަވެސް، މި ސަރުކާރުގައި އެމީހުންނަށް ފުލެޓުދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.