ޑިސެމްބަރ 8, 2025

އެއް ކޮޓަރި ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރިއަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކުރަނީ 

އެއް ކޮޓަރީގެ ފުލެޓު ލިބިފައިވާ މީހުން ފުލެޓު ދޫކޮށްލުމުން، ތިން ކޮޓަރީ ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ޝަރުތު ބަދަލުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އެގޮތަށް ނިންމަވާފައިވަނީ، މާލޭގެ ރައްޔިތުންނާއެކު ބޭއްވެވި ގިނަ ބައްދަލުވުންތަކުގައި އެއް ކޮޓަރީގެ ފުލެޓެއް އޮތުމުން އިތުރު މަޝްރޫއަކަށް ޝަރުތު ހަމަނުވާ ކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން ގެންދިއުމާ ގުޅިގެންނެވެ.

ހެންވޭރު ރައްޔިތުންނާއެކު މިރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިހާރު އިއުލާންކޮށްފައި އޮތްގޮތުން، މި ސަރުކާރުގެ ހައުސިން މަޝްރޫއަށް ވެސް އެ ފަރާތްތަކަށް ޝަރުތު ހަމަނުވާނެ ކަމަށެވެ.

އެހެންކަމުން އެއް ކޮޓަރި ފްލެޓު ދޫކޮށްލާ ކަމަށްވަންޏާ، މި ސަރުކާރުން ހުޅުވާލާ ތިން ކޮޓަރީގެ ސްކީމަށް ކުރިމަތިލެވޭ ގޮތަށް، ޝަރުތު ބަދަލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަދަލުތައް ގެންނަނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި ކުރިއަށްއޮތް ތަނުގައި ރައްޔިތުން ބޭނުންވާ ނަމަ، އެހެނިހެން ބައެއް ބަދަލުތައް ވެސް ގެންނަވާނެ ކަމަށެވެ.

Leave a Reply