ޑިސެމްބަރ 8, 2025

އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ މައްސަލަ ޑިކްލައިން!

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު، އެ ކުންފުނީގެ ލިޔުންތަކެއް ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖިނާދީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ ޑިކްލައިންކޮށްފި އެވެ.

ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާ ކަމަށް ބުނެ ފަޒުލްގެ އިތުރުން އެޗްޑީސީގެ އައިޓީ ހެޑް އަބްދުالله ޝުހޫދުގެ މައްޗަށް މި ތުހުމަތުކުރީ ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލައިގެ ތެރެއިންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ، އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި ފަޒުލް އާއި ޝުހޫދު، އެޗްޑީސީގެ ސާވާ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

އެހެންކަމުން ޕީޖީ އޮފީހުން ވަނީ ފަޒުލް އާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައިނުވާ ކަމަށް ބުނެފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ފުލުހުން އޭރު ހިންގި ތަހުގީގަށް ފަޒުލް ދިއުޅުއްވާ ގެ ބަލައި ފާސްކޮށް ދަބަހެއްގެ ތެރެއިން ވަނީ 1.4 މިލިއަނެއްހާ ރުފިޔާވެސް ހޯދައިފަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ލޯންޗު އޮޕަރޭޓް ކުރާ ”ރިލެކްސް ފެރީ ސާވިސް“ ނަމަކަށް ކިޔާ ކުންފުންޏަކުން ވަނީ އެ ފައިސާއާ ހަލުވެފަ އެވެ. އެ ކުންފުނިން އޭރު ބުނިގޮތުގައި އެއީ، ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދިން 1.4 މިލިއަން ރުފިޔާ އެވެ.